ކޮވިޑް-19 ފެތުރެމުންދާ މިންވަރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރަށް އަވަސްވެ، ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެއްޖެއެވެ. ޑިސެމްބަރު މަހު ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑް-19 އަށް ދުނިޔޭގެ ގައުމުތަކުން ފައްސިވި މީހުންގެ އަދަދު އިއްޔެ ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ. އިއްޔެ އެކަނިވެސް 129990 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން އިއްޔެ އަކީ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ 5499 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިއްޔެ އަކީ މެއި މަހުގެ 12 ވަނަ ދުވަހަށް ފަހު ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ކޮވިޑް-19 ގެ ސަބަބުން ހާލަތު އެންމެ ބޮޑަށް ގޯސްވި ޔޫރަޕްގެ ގައުމުތަކުގެ ހާލަތު މިހާރު ހަމައަކަށް އެޅެމުން އައި ނަމަވެސް ލެޓިން އެމެރިކާގެ ގައުމުތަކާއި، އޭޝިއާގެ ބައެއް ގައުމުތަކުގެ ހާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ. އަދި އެފްރިކާގެ ގައުމުތަކުގެ ހާލަތު ވެސް ގޯސްވަމުން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ލެޓިން އެމެރިކާގެ ގައުމުތަކަށް ބަލާއިރު ބްރެޒިލްގެ ހާލަތު ދުވަހަކަށް ވުރެ ދުވަހަކު ދަނީ ގޯސްވަމުންނެވެ. ބްރެޒިލްގައި ބަލި ފެތުރެމުން ދަނީ އެއްވެސް ކޮންޓްރޯލެއް ނެތިއެވެ. ބްރެޒިލްގެ ތޮއްޖެހިފައި އޮންނަ ސިޓީތަކުގައި ބަލި ފެތުރެމުން ދާއިރު، ސިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތަކެއް ވެސް ނެތެވެ. ބްރެޒިލްގެ އިތުރުން ޕެރޫ، މެކްސިކޯ ފަދަ ގައުމުތަކުގެ ހާލަތު ވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

އޭޝިއާ ސަރަހައްދަށް ބަލާއިރު އިންޑިއާގެ ހާލަތު ފެންނަނީ ވަރަށް ނުރައްކާތެރިކޮށެވެ. އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވެސް ދަނީ ދުވަހަކަށް ވުރެ ދުވަހަކު އިތުރު ވަމުންނެވެ. ނަމަވެސް އަބަދު ފުރަބަންދުގައި ތިބެވޭނެ ގޮތެއް ނެތް ކަމަށް ބުނެ އިންޑިއާގެ ފުރަބަންދަށް ބައެއް ސަރަހައްދުތަކުގައި ވަނީ ލުއި ދޭން ފަށާފައެވެ. މިއާއި އެކު އިންޑިއާގައި ބަލި ފެތުރުން ކޮންޓްރޯލުން ނައްޓާލައިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އޭޝިއާ ސަރަހައްދުން އެންމެ އެންމެ ހާލަތު ގޯސް ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާންގައި ވެސް ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ޕާކިސްތާނުން ވެސް ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް މިހާރު ދީފައެވެ.

އެފްރިކާ ބައްރަށް ބަލާއިރު ދެކުނު އެފްރިކާގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އިއްޔެ ވެސް ދެކުނު އެފްރިކާ އިން 3000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިސްރުގެ ހާލަތައް ވެސް ރަނގަޅު ބަދަލެއް އަންނަ މަންޒަރެއް ނުފެނެއެވެ.

ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު، ސައިންސްވެރިން ބުނާ ގޮތުގައި މިހާރު ދުނިޔެ އަށް ދިމާވެފައިވާ ހާލަތުން އަރައި ގަނެވެން އޮތް ގޮތަކީ މިބައްޔަށް ވެކްސިނެއް އުފެއްދުމެވެ. އެންމެ އަވަހަށް ވެސް ކޮވިޑް-19 އަށް ވެކްސިނެއް އުފެެއްދޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު