ލޭގެ ގްރޫޕް "އޭ" ގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ނުރައްކާ ބޮޑުވެދާނެ ކަމަށް އަލަށް ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ޖަރުމަނާއި ނޯވޭގެ ދިރާސާ ކުރާ ފަރާތްތަކުން އަލަށް ހޯދި ހޯދުންތަކުގައިވާ ގޮތުން ޖެނެޓިކްގެ ގޮތުން ފާހަގަކުރެވުނު ކުޑަ ދެ ބަދަލެއްގެ ސަބަބުން މީހުންގެ ނޭވާލާ ނިޒާމް ފެއިލްވުމުގެ ފުރުސަތު ބޮޑުވެއެވެ. އޭގެތެރެއިން އެެއް ބަދަލު އަންނަނީ އިންސާނާގެ ލޭގެ ގްރޫޕްގެ ކަނޑައަޅައިދޭ ޖީންއެވެ.

ދިރާސާ އިން ދެއްކި ގޮތުގައި ލޭގެ ގްރޫޕް އޭގެ މީހުން ލޭގެ އެހެން ގްރޫޕްތަކުގެ މީހުންނަށް ވުރެ، ކޮވިޑް-19 ގައި އޮކްސިޖަން ދޭން ޖެހުމުގައި ވެންޓިލޭޓަރަށް ލުމުގެ ފުރުސަތު 50 އިންސައްތަ އަށް ބޮޑެވެ.

މޮލެކިއުލަ މެޑިސިން ޔުނިވަސިޓީގައި މަސައްކަތް ކުރާ ޕްރޮފެސަރު އެންޑްރޭ ފްރޭންކޭ ވިދާޅުވި ގޮތުގައި ލޭގެ ގްރޫޕްތަކުގެ ތެރެއިން ލޭގެ ގްރޫޕް "އޯ" ހުންނަ މީހުންނަށް 50 ޕަސަންޓު ހިމާޔަތް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެންމެ ނުރައްކާތެރި މީހުންގެ ގޮތުގައި ލޭގެ ގްރޫޕް އޭ ބެލެވިދާނެ ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވިއެވެ.

ދިރާސާގައި އުޅުނު މީހުން ވަނީ އިޓަލީ އާއި ސްޕެއިންގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިން 1،610 މީހެއްގެ ލޭގެ ސާމްޕަލް ނަގައިފައެވެ. އެމީހުންނަކީ ވެންޓިލޭޓަރަށް ލާން ޖެހުނު ނުވަތަ އޮކްސިޖަން ދޭން ޖެހުނު މީހުންނެވެ. އެ ޓީމުން ސާމްޕަލްތަކުގެ ޑީއެންއޭ ވަކިކޮށް، ޖެނެޓައިޕިންގެ ނަން ދީފައިވާ އުކުޅެއް ބޭނުންކޮށްގެން ސްކޭންކުރިއެވެ.

އަދި ކޮވިޑް-19 ޖެހިފައި ނެތް 2،205 މީހެއްގެ ލޭގެ ސާމްޕަލްތައް ވެސް ބެލިއެވެ. އެމީހުން ބަލަމުން ދިޔައީ ޖިނޯމްގައި ހިމެނޭ ވަކި ސަރަހައްދުތަކަކަށް އަންނަ ތަފާތުތަކެވެ.

އިންސާނާގެ ސެލް ތެރެއަށް ވަދެގަތުމަށްޓަކައި ކޮރޯނާވައިރަސްގެ އެހީތެރިޔަކަށް ވަނީ، ސެލްގެ މަތީ ފަށަލާފައި އޮންނަ ޕްރޮޓީންއެއް ކަމަށް ވާ އޭސީއީ2އެވެ. އެކަމަކު އޭސީއީ2 އަށް ޖެނެޓިކްގެ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން، ކޮވިޑް-19ގެ ނުރައްކާ ވަކި ބަޔަކަށް ބޮޑުވާ ކަމަކަށް ނުދައްކައެވެ.

ޗައިނާ އާއި އެމެރިކާ އިން ހެދި ދިރާސާތަކުން ވެސް އެނގުނު ގޮތުގައި ލޭގެ ގްރޫޕް އޭގެ މީހުންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑެވެ.

ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން ހިމެނެއެވެ. އަދި ހީކެރުވުމާއި ތުރުތުރު އެޅުމާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ކަރުގައި ރިއްސުން އަދި ރަހަ ނުލުމާއި ވަސް ނުދުވުމަކީ ވެސް މިހާރު އަލާމާތްތަކެވެ.

ބަލީގެ ނުރައްކާތެރިކަން ބޮޑުވެދާނެ އުމުރު މީގެކުރިން ފާހަގަކޮށްފައިވާ އިރު، ޖެނެޓިކްގެ ގޮތުން އެއްވެސް ކަހަލަ ގުޅުމެއް އޮތްތޯ މީގެ ކުރިން މާ ބޮޑަށް ބަލާފައެއް ނުވެއެވެ.