ކޮވިޑް-19 ގެ ބާރު ދަށްވަމުން އަންނަ ކަމުގެ ހެތްކެއް އަދި ފެނިފައި ނުވާ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މާހިރުންނާއި ދުނިޔޭގެ ގިނަ ސައިންޓިސްޓުން ތަކެއް ބުނަން ފަށަައިފިއެވެ.

އެ ފަރާތްތަކުން ބުނަމުން އަންނަނީ ވައިރަސް އޭތި ފެތުރޭ ގޮތުގެ ޒާތަށާއި، ވައިރަހުގެ ނުރައްކާ ބޮޑުކުރާ ޒާތަށް ބަދަލު ކުރަމުން އަންނަ ކަމުގެ ހެކިތަކެއް އަދި މިހައިތަނަށް ފެނިފައި ނުވާ ކަމަށާއި، ނަމަވެސް ވައިރަހުގެ ބާރު ދަށަށް ދަމުން އަންނަ ކަމުގެ އެއްވެއް ހެކިތަކެއް ފެނިފައި ނުވާ ކަމަށެވެ.

”މިފަދަ ވައިރަސްތައް ފެތުރޭ އިރު އެއީ ވަރަށް އާއްމު ކަމެއް ވައިރަސް އޭގެ ޒާތަށް ބަދަލު ގެނައުމަކީ. މިހައިތަނަށް 3 ލައްކަ އަށް ވުރެން ގިނަ މީހުން މަރުވެ، 6 މިލިއަން މީހުން ފައްސިވެފައިވާ މި ވައިރަހުން އެފަދަ ބަދަލެއް ގެންނަ ކަމަކަށް އަދި ފާހަގަ އެއް ނުކުރެވޭ. އެކަމަކު ޔަގީންކަމާއި އެކު ބުނަން އެނގޭ ވައިރަހުގެ ބާރު ދަށްވަމުން ނުދާކަން.“ ސައިންޓިސްޓަކު ވައިރަހާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ކޮރޯނާވައިރަސް ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ފެތުރިފައި ވާއިރު، ވައިރަސް ކޮންޓްރޯލް ކުރެވިފައި ވަނީ މަދު ގައުމުތަކަކަށެވެ. އަދި ކޮންޓްރޯލް ކޮށްފައިވާ ގައުމުތަކުންވެސް ފުރަބަންދުގެ ގަވާއިދުތައް ލުއި ކުރަމުން އަންނަ މި ދަނޑިވަޅުގައި އީރާން ވަނީ ވައިރަހުގެ ދެވަނަ ރާޅެއް އެރި ފުރަތަމަ ގައުމަށް ވެފައެވެ.