ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގައި މާސްކް އެޅުމާއި ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ގައިޑްލައިނަށް ބަދަލުގެނެސް، ބަލި ފެތުރެމުންދާ ގައުމުތަކުގައި އާއްމު ތަންތަނުގައި މާސްކް އަޅަން ޖެހޭނެ ކަމަށް ކަނޑައަޅައި ގައިޑްލައިން އިސްލާހް ކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން ގައިޑްލައިނަށް ބަދަލުތައް ގެނައީ ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 ފެތުރެމުންދާ ގޮތް ދިރާސާ ކުރުމަށް ފަހު އެވެ. އެޖަމިއްޔާ އިން ބުނެފައި ވަނީ އާއްމު ތަންތަނުގައި މާސްކް އަޅައިގެން އުޅުމުން ބަލި ފެތުރިގެން ދިއުން މަދުކަން ފާހަގަ ކުރެވެއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަންދަމޮން ވިދާޅުވީ މިހާރު ލިބެމުންދާ ހެކިތަކަށް ބަލާފައި ޑަބްލިއުއެޗްއޯގެ ލަފައަކީ އާއްމު ތަންތަނުގައި ހުރިހާ އެންމެން ވެސް މާސްކް އެޅުމެވެ. އާއްމު ތަންތަނުނުގައި މާސްކް އެޅުމަށް ހުރިހާ ގައުމުތަކެއްގެ ސަރުކާރުތަކުން ވެސް ބާރު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިޖުތިމާޢީ ގައިދުރުކަމަކީ ބައެއް ހާލަތުގައި ތަންފީޒު ކުރަން އުނދަގޫ ކަމެއް. ހާއްސަކޮށް އާއްމު ދަތުރުފަތުރުގެ ނިޒާމާއި، ފިހާރަތަކުގައި އަދި ގިނަ މީހުން ޚިދުމަތް ހޯދާ ތަންނަނުގައި. އެހެންކަމުން އާއްމު ތަންތަނުގައި މާސްކް އެޅުން މުހިއްމު." ޓެޑްރޯސް ވިދާޅުވިއެވެ.

މާސްކް އެޅި ނަމަވެސް ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް އިހުމާލު ނުވުމަށް ޓެޑްރޯސް އިލްތިމާސް ކުރެއްވެވިއެވެ. ހާއްސަކޮށް މާސްކް ރައްކާތެރިކަމާއި އެކު ނައްތާލުމާއި ގިނަގިނައިން އަތް ދޮވުން ފަދަ ކަންކަމަށް އިސްކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ހަމައެކަނި މާސްކް އެޅުމަކުން ކޮވިޑް-19 އިން ސަލާމަތެއް ނުވާނެ. އެހެން ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު މާސްކް އެޅުން މަޖުބޫރު ކުރި އެއް ގައުމަކީ ހޮންކޮންގް އެވެ. ހޮންކޮންގައި ކޮވިޑް-19 ފެތުރުނު މިންވަރު މަދުކަން ފާހަގަ ކުރެވެއެވެ. އަދި ޗައިނާގައި ވެސް ވަނީ އާއްމުން މާސްކް އެޅުމަށް ބާރު އަޅާފައެވެ. ޗައިނާގައި ވެސް މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެޗްޕީއޭ

    ތަންކޮޅެއް އަދި އަވަސް ތިހެންބުނަން

  2. ކިނބޫ

    މިގައުމުގަ ޑޮކްޓަރުން މާ މޮޅޭ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވިސްނަދޭން މަސައްކަތް ކުރީ މާސްކަކީ އެހާ މުހިއްމު އެއްޗެއް ނޫންކަމަށް. ނެތިއްޔާ ނެތް ވާހަކަ ބުނީމަ ދޯ އެނގޭނީ، ޖަންގިޔާ ގަނޑެއްވެސް އަޅައިގެން އުޅެން.