ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނުރައްކާ ކުރިމަތިކުރަމުންދާ ނިރުބަވެރި އަލްޤައިދާ ޖަމާޢަތުން އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ލީޑަރު، އަބްދުލްމާލިކް މަރާލާފައިވާ ކަމަށް ފްރާންސުން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ފްރާންސުގެ މިނިސްޓަރ އޮފް އާމްޑް ފޯސަސް، ފްލޮރެންސް ޕާލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފްރާންސުން ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ މަލީގައި ހިންގި އޮޕަރޭޝަނެއްގައި، އެފްރިކާގައި ހިނގަމުންދާ އަލްގައިދާގެ ގޮފި، އިސްލާމިކް މަޣްރިބްގެ ލީޑަރު މަރާލާފައިވާ ކަމަށެވެ.

ފްލޮރެންސް ވިދާޅުވީ، މި އޮޕަރޭޝަނުގައި އެފްރިކާ ސަރަޙައްދުގައި އަބްދުލްމާލިކާއެކު ހަރަކާތްތެރިވާ އަލްގައިދާގެ އިސް، އަދި އޭނާގެ އަރިސް ބައެއް އެހެން ނިރުބަވެރިންނާއި، މި ޖަމާޢަތަށް ވާގިވެރިވާ އެހެން ހަނގުރާމަވެރި ޖަމާޢަތްތަކުގެ ކޮމާންޑަރުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފްލޮރެންސް އިތުރަށް ވިދާޅުވީ، މިއީ ނިރުބަވެރިންނާއި ދެކޮޅަށް ފްރާންސުން ކުރާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގެ ސަބަބުން އެފްރިކާ ސަރަޙައްދަށް މި ޖަމާޢަތްތަކުން ކުރިމަތިކުރާ ނުރައްކާތަށް ކުޑަވެގެންދާނެ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ މީހުން އަތުލައިގަތުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިޔަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްރާންސުން ހިންގި އޮޕަރޭޝަނުގައި މަރާލާފައިވާ އަބްދުލްމާލިކަކީ އެފްރިކާ ސަރަޙައްދުގައު އޮޕަރޭޓްކުރާ އަލްގައިދާ އާއި ގުޅުންހުރި ހުރިހާ ޖަމާޢަތެއްގެ ވެރިޔާވެސް މެއެވެ. އަދި ޖަމާޢަތުން ނުސްރަތު އަލް-އިސްލާމް ވަލް-މުސްލިމް ނަމަކަށްކިޔާ ނުރައްކާތެރި ނިރުބަވެރި ޖަމާޢަތެއްވެސް އޭނާގެ ބެލުމުގެ ދަށުން ހިނގާ ކަމަށް ވެއެވެ.

އަބްދުލްމާލިކަކީ އެފްރިކާ ސަރަޙައްދުގައި ނިރުބަވެރި އަމަލުތައް ހިންގުމަށް ހަވާލުކޮށްފައިވާ، މުޅި އަލްގައިދާގެ އެންމެ އިސް ލީޑަރު ކަމަށް މިހާރު އައްޔަންކޮށްފައި ހުންނަ އަބޫ މުސްއަބް އަލް-ޒަރުޤާވީ އާއިވެސް ވަރަށް އަރިސް މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީނާގެ އިރުޝާދުގެ ދަށުން ނިރުބަވެރި ގިނަ ހަމަލާތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީ އެތައް ބަޔަކު މަރާލާފައި ވެއެވެ. އޭގެތެރެއިން ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ބަރކީނާ ފަސޯގެ ވެރިރަށުގައި 2016 ވަނަ އަހަރު ހޮޓަލަކަށް ދިން ހަމަލާއެއްގައި 30 މީހަކު މަރާލި ހާދިސާ އާއި އަލްޖީރިއާގެ ވެރި ރަށުގައި 2007 ވަނަ އަހަރު 22 މީހަކު މަރާލައި، 200 މީހަކު ޒަޚަމްކޮށްލި ހަމަލާ ފާހަގަކޮށްލެވެއެވެ.