ނުރައްކާތެރި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ސައުދީ އަރަބިއްޔާގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދީ، މައްކާ ފިޔަވައި އެހެން ހުރިހާ ސަރަޙައްދެއްގެ މިސްކިތްތައް އަލުން ހުޅުވާލަން ނިންމި ނިންމުމަށް ބަދަލު ގެނެސް، ބައެއް މިސްކިތްތައް އަނެއްކާވެސް ބަންދުކޮށްފިއެވެ.

ސައުދީގައި މިސްކިތްތައް ބަންދު ކުރުމަށް ނިންމާފައިވަނީ، ފުރަބަންދުގެ ލުއި ދިން ފަހުން އެޤައުމުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީ އާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުން ބުނާގޮތުގައި، ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މިއަދުން ފެށިގެން އެޤައުމުގެ ޖެއްދާގައި ކާފިއު އިއުލާނުކޮށް ފުރަބަންދުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އެ ސިޓީ ކާފިއުގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ.

ސައުދީން މި ނިންމުން ނިންމާފައި ވަނީ، ސައުދީގެ ބައެއް ސަރަޙައްދުތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީންވެސް ހާމަކޮށްފައި ވަނިކޮށެވެ.

ޖެއްދާގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއުގެ ހާލަތުގައި، ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް އެއްވެސް ވަރަކަށް އާންމުން ބޭރަށް ނިކުމެއުޅުން މަނާވާނެއެވެ. އަދި ވިޔަފާރިތައް ހުޅުވުމާއި ކެފޭ ރެސްޓޯރެންޓުތައް ވެސް މި ވަގުތުތަކުގައި ހިންގުން މަނާވާނެއެވެ.

މީގެ އިތުރުން ކާފިއުގެ މުއްދަތުގައި، އެއްވެސް ވަގުތެއްގައި ފަސްމީހަކު ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ ތިބުން މަނާވާނެއެވެ. ނަމަވެސް ކާފިއު ނުހިނގާ ވަގުތުތަކުގައި އެތެރޭގެ ދަތުރުފަތުރުކުރާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ ކަމަށް އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.

ސައުދީން މިހާތަނަށް ޖުމްލަ 95,748 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 2591 މީހަކަށް މި ބަލި ޖެހިފައިވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. އެޤައުމުން އިއްޔެ އެކަނިވެސް 31 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 642 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު