ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 975 މީހަކު މަރުވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ޖޫން މަހުގެ 02 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އަންނަނީ މަދުވަމުންނެވެ. ނަމަވެސް ކޮވިޑް-19 އަށް އިއްޔެ އެމެރިކާ އިން ފައްސިވި މީހުންގެ އަދަދު ބުރާސްފަތި ދުވަހު ފައްސިވި މީހުންނަށް ވުރެ އިތުރެވެ.

އިއްޔެ އެމެރިކާ އިން 25393 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ މެއި މަހުގެ 30 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 1,965,708 އަށް އަރާފައެވެ. އޭގެ ތެރެއިން 111,390 މީހަކު މިހާތަނަށް މަރުވެފައި އެވެ. އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 738,646 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ފަހު އެމެރިކާ ހުޅުވާލުމުގެ މަސައްކަތް ކުރަމުން ދާއިރު ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައި ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެމެރިކާ އިން "ދެވަނަ ރާޅެއް" ފެންނަން ފަށާފާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެމެރިކާ އަލުން ހުޅުވާލުމުގެ ޕްލޭންގެ ދަށުން ޖުލައި މަހު ޔުނައިޓެޑް އެއާލައިންގެ ފްލައިޓްތައް ކެނެޑާގެ ބައެއް މަންޒިލްތަކަށް ދަތުރު ފަށާނެކަން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު