އަންނަ މަހުގެ ތެރޭގައި ސްޕެއިން ފަތުރުވެރިންނަށް ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްޕެއިން އިން މީގެކުރިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެކަމަކު އެ ގައުމުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރު ލުއިތަކެއް ދިނުމަށް އެ ގައުމުން ވަނީ ނިންމައިފައެވެ.

އަލަށް ދޭ ލުއިތަކާ އެކު، އިތުރު ހަރަކާތްތައް ހިންގުމަށް މަގުފަހިވާނެއެވެ.

"ޔޫރަޕްގައި އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކަށް 82 ދުވަސް ފަހުން، ގައުމު މިހާރު މިދަނީ އާ ހަލަތަކަށް،" ސްޕެއިންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ހެލްތު މިނިސްޓަރު ސަލްވާޑޯ އިލާ ވިދާޅުވިއެވެ.

އަލަށް ގެންނަ ލުއިތަކާ ގުޅިގެން ސްޕެއިންގެ އާބާދީގެ 52 އިންސައްތަ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެއެވެ. ސްޕެއިންގައި ފިޔަވަޅުތަކަށް ލުއި ދިނުމުގައި ތިން މަރުހަލާއަކަށް ބަހާލާފައިވެއެވެ.

އެކަމަކު، އެއްވެސް ސަރަހައްދެއް ފުރަތަމަ މަރުހަލާގައި މިހާރު ނުހިމެނެއެވެ.

ތިން ވަނަ މަރުހަލާގައި ލުއި ދޭނީ އެންމެ މަދުން ކޮވިޑް-19 ފެނުނު ސަރަހައްދުތަކާއި އެ ބައްޔަށް އެންމެ ބޮޑަށް ތައްޔާރުވި ސަރަހައްދުތަކަށެވެ. އެގޮތުން ސްޕެއިންގެ ބީޗުތައް ވެސް އެ ފިޔަވަހީގެ ދަށުން ހުޅުވަން ހުއްދަ ލިބޭނެއެވެ.

ނަމަވެސް ސްޕެއިންގެ ބާސެލޯނާ އާދި މެޑްރިޑް އަދިވެސް އޮންނާނީ ދެ ވަނަ މަރުހަލާގައެވެ. އޭގެ މާނައަކީ ހަމައެކަނި އެތަނުގައި ހުޅުވޭނީ އިންޑޯ ރެސްޓޯރަންޓުތަކާއި ޝޮޕިން ސެންޓަރުތައް އެކަންޏެވެ. ބާސެލޯނާ އާއި މެޑްރިޑަކީ އެންމެ ބޮޑަށް ބަލި ފެތުރުނު ދެ ސަރަހައްދެވެ.

ސްޕެއިންގައި މިހާތަނަށް 288,058 މީހަކަށް ބަލި ޖެހުނު އިރު، ބަލީގައި މަރުވެފައި ވަނީ 27,134 މީހުންނެވެ. މި ބަލިން ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ޔޫރަޕްގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ބޯޑަރުތައް ބަންދު ކުރި ނަމަވެސް، މިހާރު ބޯޑަރުތައް ހުޅުވަން މަޝްވަރާ ކުރަން ވަނީ ފަށައިފައެވެ.