ޕާކިސްތާންގައި ވެސް ހަލުވިކަމާއި އެކު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. ނަމަވެސް އަބަދު ފުރަބަންދުގައި ނުތިބެވޭނެ ކަމަށް ބުނެ ޕާކިސްތާން ސަރުކާރުން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ޕާކިސްތާންގެ ހާލަތު ދުވަހަކަށް ވުރެ ދުވަހަކު ގޯސްވަމުން ދާއިރު، ޕާކިސްތާންގެ ސިއްހީ އެހީތެރިންގެ ހިތުގައި ބިރުވެރިކަން އުފެދޭ ކަންތައްތަކެއް އެގައުމުގައި އަންނަނީ ހިނގަމުންނެވެ.

ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ކަން ޕާކިސްތާންގެ ބައެއް މީހުން ގަބޫލެއް ނުކުރެއެވެ. "15 ވަރަކަށް މީހުންގެ ގްރޫޕަކުން ލާހޫރުގެ ހޮސްޕިޓަލެއް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން ގޮވާފައިވޭ ކޮވިޑް-19 އަކީ އެހައި ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ނަމަ ކީއްވެހޭ ޑޮކްޓަރުންނަށް ބަލި ނުޖެހެންވީ. ކޮވިޑް-19 އާއި ގުޅޭ ގޮތުން ޑޮކްޓަރުން ހަދަނީ ދޮގު ކަމަށް އެމީހުން ބުނި." ޑޮކްޓަރަކު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ނަމަވެސް ބައެއް މީހުން ހޮސްޕިޓަލަށް ދާން ވެސް ބޭނުމެއް ނުވެއެވެ. އެއް ސަބަބަކީ އެކަހެރި ކޮށްގެން ފަރުވާ ދޭތީ އާއި އާއިލާ މީހަކާއި ބައްދަލު ކުރަން ފުރުސަތު ނުލިބޭތީއެވެ. ޑޮކްޓަރަކު މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ރަހުމަތްތެރިޔަކު ދަރިފުޅު ހުން އައިސްގެން އޭނާ އަށް ގުޅިއެވެ.

"އަހަރެންގެ ރަހުމަތްތެރިޔާ ބުނި ދަރިފުޅު އޮތީ ހުން އައިސްފައޭ. އެކަމަކު ހޮސްޕިޓަލަށް ދާކަށް ބޭނުމެއް ނޫނޭ. އެއީ މިހާރު ހުން އަންނަ ކޮންމެ މީހަކީ ކޮވިޑް-19 ޖެހިފައި ހުންނަ މީހެއް ކަމަށް ޑޮކްޓަރުން ނިންމާތީއޭ. އަދި ކޮންމެ މީހެއްގެ އަތުން 500 ރުޕީސް ހޮސްޕިޓަލުން ނަގާތީއޭ." ޑޮކްޓަރު ކިޔައި ދިނެވެ.

ޕާކިސްތާންގެ ހޮސްޕިޓަލްތަކުން ބުނާ ގޮތުގައި ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ނަމަވެސް ވަރަށް ބޮޑަށް ހާލު ދެރަވަންދެން ބައެއް މީހުން ހޮސްޕިޓަލްތަކަށް ނާދެއެވެ. ހާލަތު މާބޮޑަށް ގޯސްވުމުން ބައެއް މީހުން ހޮސްޕިޓަލަށް ގެނެވުނު ނަމަވެސް އޭރު މާބޮޑަށް ލަސްވެ، ޑޮކްޓަރުންނަށް ވެސް ދެން ދެވޭނެ މާގިނަ ފަރުވާއެއް ނޯވެއެވެ. އެހެންވެ ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންނަތާ ގިނަ އިރުތަކެއް ނުވަނީސް މަރުވެއެވެ.

ދެން އޮތް އަނެއް މައްސަލައަކީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޖަނާޒާގައި ވެސް ގިނަ ބަޔަކު ބައިވެރިވަމުން ދިއުމުގެ މައްސަލައެވެ.

"ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އާއިލާ މެންބަރުން ޖަނާޒާގައި އުޅޭނެ. ދެން ޖަނާޒާއަށް މިދަނީ އިތުރު އެތައް ބަޔަކު. އެމީހުން ގޮސް އާއިލާ މެންބަރުންނާއި ބައްދަލުކޮށް ހަދާ. އާއިލާ މެންބަރުންނަކީ މަރުވި މީހާ އާއި އެންމެ ގާތުން ބައްދަލުވެފައި ވެސް ވާނެ މީހުން. އެހެންވެ އެމީހުންނަށް ވެސް ބަލި ޖެހިފައި ހުރުމުގެ ފުރުސަތު ބޮޑު. އެހެންކަމުން ޖަނާޒާއަށް ދާ މީހުންގެ ތެރޭގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް." ޑޮކްޓަރަކު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ޕާކިސްތާންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގިނަ ބަޔަކު މަރުވެގެން ހިނގައި ދާނެ ކަމުގެ ކަންބޮޑުވުން އޮފިޝަލުންގެ އެބައޮތެވެ. ނަމަވެސް އެކަމާއި ގުޅިގެން ކުރެވޭނެ މާބޮޑު ކަމެއް ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު