ކޮވިޑް-19 ފެތުރެން ފެށުމުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް މިއަދުން ފެށިގެން ދީފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ކޮވިޑް-19 ފުރަތަމަ ފެނުނު ވޫހާން އާއި ހުބެއި ޕްރޮވިންސްގެ ވަށައިގެން ހިމެނޭ ސިޓީތަކުން ބެއިޖިން އަށް ދަތުރު ކުރާ މީހުން 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭ ގޮތައް އޮތް އޮތުން މިއަދުން ފެށިގެން ވަނީ އުވާލާފައެވެ. އަދި ބެއިޖިން އަށް ދަތުރު ކުރާ ފަރާތްތަކުން ފުރަން ޖެހޭ މޮނިޓަރިން ފޯމް ވެސް މިއަދުން ފެށިގެން ފުރަން ނުޖެހޭ ގޮތައް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ފްލެޓްތަކުގެ ތިރީގައި މީހުންގެ ހުން ބަލަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އޮތް އުސޫލަށް ލުއިތައްދީ އެއީ މަޖުބޫރު ކަމެއް ނޫންކަމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގެއިން ނިކުންނައިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން ގެނެސް، މާސްކް އެޅުން އެއީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ބެއިޖިންގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ކޮވިޑް-19 ޖެހުނު ކަމުގެ ރިޕޯޓް ނުލިބޭތާ މިހާރު 50 ދުވަސް ވެއްޖެއެވެ.

ޗައިނާ އިން ފުރަތަމަ ކޮވިޑް-19 ފެނުނު ނަމަވެސް އަވަހަށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ހީކުރި ވަރަށް ވުރެ މާއަވަހަށް ޗައިނާ އިން ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ. މިހާރު ޗައިނާގައި ތިބީ ކޮވިޑް-19 ޖެހިފައި ތިބި 67 މީހުންނެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނީ އެންމެ ދެމީހުންނަށެވެ.