އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލި ހާދިސާ އާއި ގުޅިގެން ކުރިއަށްދާ މުޒާހަރާގެ ތެރެއިން 75 އަހަރުގެ މީހަކަށް ހަމަލާ ދިން މައްސަލައެއްގައި ދެ ފުލުހަކު ސަސްޕެންޑް ކުރުމުން 57 ފުލުހަކު އެމަޖެންސީ ޔުނިޓުން އިސްތިއުފާ ދީފިއެވެ.

ނިއުޔޯކްގެ ބަފަލޯ ސަރަހައްދުގައި ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކުރި ވަގުތު އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ކުރިމައްޗަށް އެރުމުން ދެ ފުލުހަކު ވަނީ އޭނާ ކޮއްޕާލާފައެވެ. ފުލުހުން އޭނާ ކޮއްޕާލުމުން ވެއްޓި ބޯ ފަޅައިގެން ގޮސްފައި ވެއެވެ. އެމައްސަލަ ތަޙްޤީޤުކޮށް ނިމެންދެން ދެ ފުލުހުން ސަސްޕެންޑް ކުރުމަށް ފުލުހުންގެ އިދާރާ އިން ވަނީ ނިންމާފައެވެ.

"57 ފުލުހަކު އިސްތިއުފާ ދިނީ އެމީހުންގެ ޓީމްގައި ހިމެނޭ ދެފުލުހަކާއި މެދު ކަންތައްތައް ކުރި ގޮތުން. ފިޔަވަޅު އަޅާފައި ވަނީ އެންމެ އެކަށީގެންވާ ގޮތުގައި ކަމަކަށް ގަބޫލެއް ނުކުރަން." ބަފަލޯ ޕޮލިސް އެސޯސިއޭޝަންގެ ރައީސް ޖޯން އިވާން ވިދާޅުވިއެވެ.

ފުލުހުން އުމުރުން ދުވަސްވީ މީހާ ކޮއްޕާލި މަންޒަރު ފެންނަ ވީޑިއޯ އާއްމުވުމާއި އެކު ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އެއާއި އެކު ބަފަލޯ ޕޮލިސް ކޮމިޝަނަރ ބެރަލް ލޮކްވުޑް ވަނީ މުސާރަ ނުހިނގާ ގޮތައް ދެފުލުހުން ސަސްޕެންޑް ކުރިކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް ދެ ފުލުހުންގެ މައްޗަށް އެއްވެސް ދައުވާއެއް ކުރަން އަދި ނިންމާފައެއް ނުވެއެވެ.

އެމެރިކާ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ޖޯޖް ފްލޮއިޑް މަރުވި ހާދިސާއަށް ފަހު އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި މުޒާހަރާތައް ކުރިއަށް އެބަދެއެވެ. ގިނަ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ދަނީ ހިނގަމުންނެވެ. ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށް އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛJdޖJdjd

    ތިޔަކަހަލަ ކިތަންމެ ވިޑިޔޮއެއް ފެނެ މުސްކުޅިން ނަ ކުޑަ ކުދިންނަށް އެމެރިކަގެ ބައެއްްްްް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ފުލުހުން ހަދަލަނި ބެނުނ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ގޮތެއް ވަކި އުމުރަކައް ނުބަލަ