އެމެރިކާގެ އެކި ހިސާބުތަކުގައި މިހާރު ހިނގަމުން އަންނަ އެއްވުމުގައި ބައެއް ސިޓީތަކުގައި ކަރުނަ ގޭސް ބޭނުން ކުރުން މަނާ ކޮށްފިއެވެ.

ކަރުނަ ގޭސް ބޭނުން ނުކުރުމަށް ނިންމާފައިވަނީ ވޮޝިންގަން ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ސީޓަލް އާއި ކޮލޮރާޑޯގެ ސިޓީއެއް ކަމަށްވާ ޑެންވާގައެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ ގާޒީ ވަނީ މުޒާހަރާ ރޫޅާލުމަށް ޑެންވާގައި ކަރުނަ ގޭހުގެ އިތުރުން ރަބަރު ވަޒަން ބޭނުން ނުކުރުމަށް އެސިޓީގެ ފުލުހުންނަށް އަންގާފައެވެ. މިއީ ވަގުތީ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

އޭނާ ބުނެފައިވަނީ ޑެންވާގެ ފުލުހުންނަށް އަދާ ކުރަން ޖެހޭ ގޮތަށް އެމީހުންގެ ޒިންމާ އަދާ ނުކުރެވޭ ކަމަށެވެ.

"ކޯޓުން ވަނީ ވީޑިއޯ ހެކި ބޭނުން ކޮށްގެން މައްސަލަ ބަލާފައި. ވީޑިއޯ އިން ގިނައިން ފެންނަނީ ހަރަކާތެއް ނުކޮށް މަޑުމަޑުން ތިބޭ އާންމުންގެ ގަޔަށް ކަރުނަ ގޭސް ޖަހާތަން. އޭގެ ތެރެއިން ގިނަ މީހުން ފެންނަނީ ފުލުހުންނާއި ދިމާލަށް އެއްޗެއްހި ކިޔާތަން. ކަރުނަ ގޭސް ޖަހާ ވަރުގެ ކަމެއް އެމީހުން ނުކުރޭ" އެމެރިކާގެ ގާޒީއެއް ކަމަށްވާ ބްރޫކް ޖެކްސަން ބުނެފައިވެއެވެ.

ސީޓަލްގައި ކަރުނަ ގޭސް ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ އެ ސިޓީގެ މޭޔަރެވެ. އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން މޭޔަރު ޖެނީ ޑާކަން ބުނެފައިވަނީ ކުރިއަށް އޮތް 30 ދުވަހު އެއްވެސް ވަރަކަށް ކަރުނަ ގޭސް މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އެގައުމުގެ ފުލުހުންގެ އިހުމާލުން މަރުވެފައިވާ ޖޯޖް ފްލޮއިޑްގެ މައްސަލާގައި ކުރަމުން އަންނަ މުޒާހަރާތަކެކެވެ.