ދާދިފަހުން ބޭ އޮފް ބެންގާލްގައި އުފެދުނު ވަރުގަދަ ތޫފާން، "ތޫފާން އެމްފަން" އަށްފަހު އެ ސަރަޙައްދުގައި އަނެއްކާވެސް ލޯ ޕްރެޝަރ ސިސްޓަމެއް އުފެދެމުން އަންނަ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވަނީ، ތޫފާން އެމްފަން ވެސް އުފެދުނީ މިފަދަ ލޯ ޕްރެޝަރ ސިސްޓަމެއްގެ ބާރު ގަދަވަމުންގޮސް ކަމަށް ވާއިރު، ބޭ އޮފް ބެންގާލްގައި މިހާރު އުފެދެމުން އަންނަ ސިސްޓަމްވެސް އެފަދަ ހާލަތަކަށް ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް ކޮންމެ ލޯ ޕްރެޝަރ ސިސްޓަމެއް ތޫފާނަކަށް ބަދަލު ނުވެވެސް ހިނގައިދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައި ވަނީ، ބޭ އޮފް ބެންގާލްގައި ލޯ ޕްރެޝަރ ސިސްޓަމް އުފެދި ފުރިހަމަވާނީ މި ހިނގާ ޖޫން މަހުގެ ދިހަ ވަނަ ދުވަހު ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ސިސްޓަމްގެ މިސްރާބު ހުންނާނީ އިންޑިއާގެ އުތުރުގައި އޮންނަ މަދިޔަ ޕްރަދޭޝް އާއި ދިމާލަށް ކަމަށް އޭނާ ލަފާކޮށްފައި ވެއެވެ.

އޮފިޝަލް ބުނެފައިވާ ގޮތުގައި މި ލޯ ޕްރެޝަރ ސިސްޓަމްގެ އަސަރު މި މަހުގެ 11 އާއި 12 އާއި ދެމެދު އިންޑިއާއަށް ކުރަން ފަށާނެ ކަމަށް ލަފާކުރެވެއެވެ. އެއާއެކު އެޤައުމުގެ ބައެއް ސަރަޙައްދުތަކަށް ވައިބާރުވެ ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ސިސްޓަމުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި މަދިޔަ ޕްރަދޭޝްގެ އިތުރުން އުއްތަރ ޕްރަދޭޝް އާއި އުއްތަރޚާންދާއި ރާޖަސްތާނުގެ އިރުމަތީ ސަރަޙައްދުތައް ހިމެނެއެވެ.

އިދާރަތަކުން ބުނާގޮތުން ކުރިޔަށް އޮތް ހަފްތާއެއްހައި ދުވަސްތެރޭގައި މި ލޯ ޕްރެޝަރ ސިސްޓަމް ޑިޕްރެޝަނަކަށް ބަދަލުވެދާނެ ކަމަށާއި، ޑިޕްރެޝަނަކަށް ބަދަލުވުމުގެ 25 އިންސައްތަ ފުރުސަތު އޮތް ކަމަށެވެ.

މިއަހަރު މިހާތަނަށް އިންޑިއާއަށް ދެ ތޫފާނެއް އަރާފައި ވެއެވެ. އެއީ މިދިޔަ މޭއި މަހުގެ 20 ވަނަ ދުވަހު ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ "ތޫފާން އެމްފަން" އާއި ޖޫން ކުރީކޮޅު މަހާރަޝްތްރާގެ އައްސޭރީގެ ސަރަޙައްދަށް، އަރަބި ކަނޑުން އެރި ތޫފާން "ނިސާގާ" އެވެ.

މިހާރު ބޭ އޮފް ބެންގާލްގައި އުފެދެމުން އަންނަ ލޯ ޕްރެޝަރ ސިސްޓަމް ތޫފާނަކަށް ބަދަލުވެއްޖެ ނަމަ، އެ ތޫފާނަށް ދޭން ނިންމާފައި ވާ ނަމަކީ "ތޫފާން ގަޓީ" އެވެ.