ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ އަވައްޓެރި އިންޑިއާގައި، ބަލީގެ ނުރައްކަލާއި އެކު ބައެއް ހިސާބުތައް އާންމު ހާލަތަކަށް ގެނައުމަށް ތައްޔާރުވެއްޖެ އެވެ.

އެޤައުމުގެ އިދާރާތަކުން ނިންމާފައި ވަނީ، ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގައި އެކަނި ކުރިޔަށް އޮތްތަނުގައި ފުރަބަންދު ދެމެހެއްޓުމަށެވެ. އަދި އެހެން ހިސާބުތަކުގެ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ދީނީ އަޅުކަންކުރާ ތަންތަން ހުޅުވުމަށް ވަނީ ނިންމާފައެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީގެ މި ނިންމުމުގައި ވާގޮތުން އެޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ފުރަބަންދު އުވާލުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް އެ ސަރަޙައްދުތަކުގައި ވެސް އަމަލުކުރަން ޖެހޭ ރައްކާތެރި މިންގަނޑުތަކެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން އާންމުން އެއްތަންވެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ ކަންކަން މަޖުބޫރުވާނެއެވެ.

އެޤައުމުގެ ހޯމް މިނިސްޓްރީން ނިންމާފައިވަނީ، ކުރިޔަށް އޮތް ދުވަސްތަކުގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ގެ ވޭދަނަ (ކޭސް) ފެންމަތިވާ ސަރަޙައްދުތައް ފާހަގަކޮށް އެ ސަރަޙައްދުތަކަށް ފުރަބަންދުގެ މުއްދަތު ދެމެހެއްޓުމަށެވެ.

އިންޑިއާގެ ބައެއް ސަރަޙައްދުތައް އާންމު ހާލަތަކަށް ދިއުމަށް މި ތައްޔާރުވަނީ މިއަދު އެޤައުމުން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވަނިކޮށެވެ. ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން އަލަށް 10,438 މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ މިހާތަނަށް މި ބަލީގެ އެންމެ ގިނަ ވޭދަނަ، އެއް ދުވަހެއްގައި އެޤައުމުން ފެންމަތިވި ފަހަރެވެ. މީގެ އިތުރުން މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން އިތުރު 297 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއީ މިހާތަނަށް އެޤައުމުން ކޮވިޑް-19 ޖެހިގެން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރުވެސް މެއެވެ.

އިންޑިއާއިން މިހާތަނަށް ޖުމްލަ 246,622 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 6,946 މީހަކު މަރުވެފައި ވާއިރު، ބަލީގައި މިވަގުތު 120,981 މީހަކަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފައި ވެއެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަކީވެސް އިންޑިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު