ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން އިތުރު 706 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ ފާއިތުވި ހަދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ މަރުވި މީހުންގެ އަދަދު މަދުވި ނަމަވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެމެރިކާގައި މާބޮޑަށް މަދުވަމުންނެއް ނުދެއެވެ. އިއްޔެ ވެސް 22836 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ބޮޑަށް ހާލަތު ގޯސްވި، ނިއުޔޯކުން އިއްޔެ މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އިއްޔެ ނިއުޔޯކުން މަރުވީ 35 މީހުންނެވެ. އިއްޔެ އަކީ މިހާތަނަށް ނިއުޔޯކުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިލިނޮއިސް އިންނެވެ. އެ ސްޓޭޓުން 69 މީހަކު އިއްޔެ މަރުވިއެވެ. ކެލިފޯނިއާ އިން 66 މީހަކު ނިއުޖާޒީން 64 މީހަކު އިއްޔެ މަރުވެފައި ވެއެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,988,544 އަށް އަރާފައެވެ. އޭގެ ތެރެއިން 112,096 މީހަކު މަރުވެފައި ވާއިރު 751,894 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފަށާފައި ވަނިކޮށް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މަރުވި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން ކުއްލިއަކަށް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރު ވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އޮފިޝަލުން ގެންދަނީ ތަކުރާރުކޮށް ދެމުންނެވެ. ނަމަވެސް މުޒާހަރާތައް މުޒާހަރާތައް އަދިވެސް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު