ކޮވިޑް-19 ޖެހިގެން އިންޑިއާގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން، މަރުވާ މީހުން އެންދުމަށް ހާއްސަކޮށްފައި ހުންނަ ތަންތަނަށް ބާރު ބޮޑުވެ، އެމަސައްކަތް ކުރުމަށް ދަތިވެއްޖެއެވެ. އިންޑިއާ އަކީ އާއްމު ގޮތެއްގައި މަރުވާ މީހުންގެ ހަށިތައް އަންދާލާ ގައުމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ބާރު ބޮޑުވެފައި ވަނީ ވެރިރަށް ނިއުދިއްލީގައި ހުރި މީހުންގެ ހަށިތައް އަންދާ ތަންތަނަށެވެ. ނިއުދިއްލީގެ ތިން ތަނެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ ހަށިތައް އަންދައެވެ. ކޮންމެ ދުވަހަކު ހެނދުނު 08:00 ގައި ހަށިތައް އަންދަން ފަށާ ގޮތައް ރޭގަނޑު ވަރަށް ދަންވަންދެން މިހާރު އެމަސައްކަތް ކުރިއަށް ދެއެވެ.

އިންޑިއާ އިން މިހާތަނަށް 6700 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އޭގެ ތެރެއިން 650 މީހުން މަރުވީ ނިއުދިއްލީންނެވެ. ނަމަވެސް އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ސަރުކާރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ވުރެ އެގައުމުން މަރުވި މީހުންގެ އަދަދު އެތައް ސަތޭކައެއް އިތުރު ވާނެއެވެ.

ނިއުދިއްލީގައި ހުންނަ މީހުންގެ ހަށިތައް އަންދާ ތަނެއްގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެތަނުން ފާއިތުވި ދެމަސް ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވި 500 އަށް ވުރެ ގިނަ މީހުންގެ ހަށިތައް އަންދާފައިވާ ކަމަށެވެ. ނިއުދިއްލީގެ އިތުރު ދެތަނުން ވެސް ހަށިތައް އަންދަމުން ދާތީ ނިއުދިއްލީގައި އަންދާލި ހަށިތައް 1500 އާއި ގާތް ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިންޑިއާ އަކީ މިހާރު އެންމެ ހަލުވިކޮށް ކޮވިޑް-19 ފެތުރެމުންދާ އެއްގައުމެވެ.