ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވައިރަހަށް ސައުދީ އަރަބިއްޔާ އިން ފައްސިވި މީހުންގެ އަދަދު 100،000 އަށް އަރައިފިއެވެ.

ފާއިތުވެދިޔަ 10 ދުވަހުވެސް އެ ގައުމުގައި ހަލުވިކަމާއި އެކު ވައިރަސް އަންނަނީ އާދަޔާ ޙިލާފަށް ފެތުރެމުންނެވެ. ސައުދީގައި ފާއިތުވެދިޔަ މެއި މަހު އެކަނިވެސް ޖުމްލަ 50،000 އަށް ވުރެން ގިނަ މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ. އެ ގައުމުގައި ވައިރަސް ފެތުރެން ފަށާފައި ވަނީ މާޗު މަހުގެ ތެރޭގައެވެ.

30 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ސައުދީ އަކީ ގަލްފުގެ ގައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ގައުމުކަން ފާހަގަކޮށްލެވެއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީ އިން މިއަދު އާއްމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އެކަނިވެސް އެ ގައުމުން 3،045 މީހަކު ވަނީ ފައްސިވެފައެވެ. މިއަދަކީ އެ ގައުމުން މިހައިތަނަށް އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

ސައުދީ އިން މިހައިތަނަށް 101،914 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، ޖުމްލަ 714 މީހަކު ވަނީ ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައެވެ. ސައުދީގެ ހެލްތު މިނިސްޓްރީ އިން ފުރަތަމަ ލަފާ ކޮށްފައިވާ ގޮތުގައި އެ ގައުމުން 20،000 އާއި 200،000 އާއި ދެމެދުގެ އަދަދަކަށް މީހުން ފައްސި ވާނެއެވެ.