ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އެމެރިކާއިން ފައްސިވި މީހުންގެ އަދަދު ދެ މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,001,819 އަށް އަރާފައެވެ.

އެޤައުމަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އެމެރިކާއިން މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ޖުމްލަ 22,836 މީހަކު އަލަށް ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 706 މީހަކު ފައްސިވިއެވެ. އެޤައުމަކީ ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަހަށް ބަލާއިރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މިބައްޔަށް ފައްސިވެ މަރުވާ ޤައުމެވެ.

އެމެރިކާއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 756,580 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 1,132,873 މީހަކަށެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 17,043 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމަކަށް ވެފައިވާ އެމެރިކާގައި މި ބަލި ކޮންޓްރޯލް ވުމެއް ނެތި ފެތުރެމުން ދިޔަނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ބައްޔަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ.