އެމެރިކާގެ އިރުދެކުނު ސަރަޙައްދުތަކަށް ބާރުގަދަ ތޫފާނެއް އަރަމުންދާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

ތޫފާން "ކްރިސްޓޮބަލް" ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ އަސަރު މިހާރު އެޤައުމުގެ އިރުދެކުނު އައްސޭރީގައި އޮންނަ ލޫސިއާނާ އާއި މިސިސިޕީއަށް ކުރަމުންދާއިރު، މި ތޫފާނުގެ ސަބަބުން އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި ވައިގަދަވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތޫފާންތައް އުފެދުމުގެ ފުރުސަތު އެންމެ ބޮޑުވާ މި ދުވަސްވަރާއި ދިމާކޮށް، މިއީ އެޓްލާންޓިކް ކަނޑުން މިއަހަރު އެމެރިކާއަށް އަރާ ތިންވަނަ ތޫފާނެއެވެ. މި ތޫފާނުގެ ބާރު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ބެލެވިފައި ވާއިރު، އެންމެ ބޮޑަށް ތޫފާނުގެ އަސަރު ކުރާނީ މިސިސިޕީ އަށް ކަމަށް އެމެރިކާގެ މުސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

2.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިސިސިޕީއަށް ތޫފާން އަރާއިރު، ތޫފާނުގެ އަސަރު ބޮޑަށް ކުރާނީ އެ ސްޓޭޓުގެ އެންމެ ގިނަ ބަޔަކު އާބާދުވެފައިވާ ސަރަޙައްދުތަކަށް ކަމަށް ބެލެވިފައި ވެއެވެ. މިކަމާއި ގުޅިގެން އާންމުން ރައްކާތެރިވެ ތިބުމަށާއި މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިސިސިޕީގެ އިތުރުން މިހާރު ތޫފާނުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ލޫސިއާނާއަށް މި ތޫފާން އަރާތީ އެ ސްޓޭޓުގައި ވަނީ ކުއްލި ހާލަތު ވެސް އިއުލާނުކޮށްފައެވެ. އަދި ތޫފާނާއި ގުޅިގެން އާންމުން ރައްކާތެރި ސަރަޙައްދުތަކަށް ގެންދިއުމުގެ މަސައްކަތްވެސް މިހާރު އެ ސްޓޭޓުގައި ކުރެވެމުން ދެއެވެ.

ލޫސިއާނާ އަކީ މިފަދަ ތޫފާންތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވާ ސްޓޭޓެކެވެ. އެހެންކަމުން މިހާރު އަރަމުންދާ ތޫފާން "ކްރިސްޓޮބަލް" ގައި ވެސް އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި ސްޓޭޓުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވާނެ ކަމަށް ވަނީ ބެލެވިފައެވެ.