ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އަނެއްކާ ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގައި ވެސް އެންމެ ކުރީގައި އުޅޭ އޮކްސްފޯޑް ޔުނިވަސިޓީން ވަނީ ކޮވިޑް-19 އަށް އެންޓިބޮޑީ ފަރުވާއެއް ހޯދުމުގައި ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބެއް ހޯދާފައި ކަމަށް މިއަދު އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ބޭސް އުފައްދާ ކުންފުނި އަސްޓްރާ ޒެނެކްގެ ޗީފް އެގްޒެކެޓިވް ޕަސްކަލް ސޮރިޓް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮކްސްފޯޑުން އުފައްދާފައިވާ އެންޓިބޮޑީ ފަރުވާ ދިނުމަށް ހަމަޖެހިފައި ވަނީ ދެވައްތަރެއްގެ އެންޓިބޮޑީ އެއްކޮށްގެން ކަމަށެވެ. "މިފަރުވާ އަކީ ވެކްސިން ރަނގަޅަށް މަސައްކަތް ނުކުރާ މީހުންނަށް ދެވިދާނެ ފަރުވާއެއް." ސޮރިޓް ވިދާޅުވިއެވެ.

އަސްޓްރާ ޒެނެކް އަކީ އޮކްސްފޯޑް އިން ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ހަވާލު ކޮށްފައިވާ ކުންފުންޏެވެ.

ސޮރިޓް ވިދާޅުވީ ކޮވިޑް-19 އަށް އެންޓިބޮޑީ ފަރުވާއެއް ހޯދުމުގައި އޮކްސްފޯޑް އިން ކުރިއެރުންތަކެއް ހޯދާފައި ވީނަމަވެސް މިފަރުވާ އަދި މީހުންނަށް ދެވޭވަރު ވާނީ ކިހައި ދުވަހަކުން ކަމެއް ދަންނަވަން ދައްޗެވެ. ނަމަވެސް ވެކްސިން އުފައްދަން ހޭދަވާ ވަރުގެ މުއްދަތެއް މިކަމަށް ހޭދައެއް ނުވާނެއެވެ. މިފަރުވާ ހޯދުނު ނަމަވެސް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތައް މަޑުޖެހުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެންޓިބޮޑީ ފަރުވާ އަކީ ވެކްސިނަށް ވުރެ އަގުބޮޑު ފަރުވާއަކަށް ވާނެ ކަމަށް ބެލެވެއެވެ.

އޮކްސްފޯޑް އިން އުފައްދާ ވެކްސިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ ކާމިޔާބު ވެކްސިންއެއް ކަން ޖުލައި މަހު އެނގޭނެ ކަމަށް ބެލެވެއެވެ. ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު އިނގިރޭސިވިލާތުގައި ކުރިއަށް ދާއިރު، ބްރެޒިލްގައި ވެސް ވެކްސިން ޓެސްޓް ކުރުމަށް ޓްރިއަލްއެއް ކުރިއަށް ގެންދަން މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި އެންޓިބޮޑީ އުފެދުމަކީ މިހާރު ބައްޔަށް އޮތް ހަމައެކަނި "ފަރުވާއެވެ." ނުވަތަ މިވަގުތު ބަލިން ރައްކާތެރި ވެވޭނެ ހަމައެކަނި ގޮތެވެ. ނަމަވެސް ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދިފާޢީ ނިޒާމު ތައްޔާރު ވެފައި ހުންނާނީ ކިހައި ދުވަހަކަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު