ކޮވިޑް-19 ގެ ބަލި މަޑު ކަމުގެ ސަބަބުން ބަންދުކޮށްފައިވާ ކުވެއިތުގެ ބައެއް މިސްކިތްތައް ހުޅުވުމަށް ނިންމައިފިއެވެ.

އެގައުމުގެ މީޑިއާއެއް ކަމަށްވާ ކުވެއިތް ނިއުސް އޭޖެންސީން ބުނެފައިވަނީ އެގައުމުގައި މީހުން މަދު ތޮއްޖެހުން ކުޑަ ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ހުޅުވުމަށް އެގައުމުގެ އިސްލާމިކް އެފެއާޒް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ކަމަށެވެ.

އެގައުމުން ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދު ކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ.

އެގައުގައި ބައެއް މިސްކިތްތައް ބުދަ ދުވަހު ހުޅުވުމަށް ނިންމި ނަމަވެސް އިސްލާމިކް މިނިސްޓަރު ޑޮކްޓަރު ފަހަދް އަލް އަފާސީ ވިދާޅުވެފައި ވަނީ، ހުކުރު ދުވަހުގެ ހުކުރު ނަމާދު ކުރުން އޮންނާނީ ކުވެއިތުގެ "އަލް މަސްޖިދް އަލް ކަބިރް" ގައި ކަމަށާއި މިހާރު އޮންނަ އުސޫލުގެ ތެރެއިން ހަމަ އެކަނި ދެވޭނީ މިސްކިތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ހުޅުވުމަށް ނިންމާފައިވާ މިސްކިތްތައް ހުޅުވަނީ މިހާރު އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތުގެ މަތިން ކަމަށް ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގޮތަށް ކަމަށެވެ.

ކުވެއިތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 32,510 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 662 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސި ވެފައިވާ މީހުންނެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 269 މީހަކު މަރުވެފައިވާއިރު، 21,242 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު