77 ގައުމަކުން ޗައިނާއިން ނަގާފައިވާ ލޯނުތައް ކޮވިޑް-19 ގެ ސަބަބުން އަނބުރާ ދެއްކުން ފަސްކޮށްދީފިއެވެ.

ޗައިނާއިން 77 ގައުމަކަށް ލޯން އަނބުރާ ދިނުން ފަސްކޮށްދީފައިވާއިރު، އެއީ ކޮން ގައުމުތަކެއް ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އެގައުމުގެ ފޮރިން މިނިސްޓްރީގެ ވައިސް މިނިސްޓަރު މަ ޒައުޒޫ ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުން ވަމުން އަންނަ ތައްޔާރީތަކުގެ މައްޗަށް އަލުއަޅުވާލަމުން އޭނާ ބުނެފައިވަނީ މިހާތަނަށް 150 އަށްވުރެ ގިނަ ގައުމުތަކަށް ޗައިނާއިން އެކިކަހަލަ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމަށް ދިމާވި އެންމެ އުނދަގޫ ދަނޑިވަޅުގައި، ދުނިޔޭގެ 170 އަށްވުރެ ގިނަ ލީޑަރުން އަދި 300 އަށްވުރެ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އެހީތެރިކަން ފޯރު ކޮށްދީފައި. ޖުމްލަ 77 ގައުމަކާއި 12 އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކުން ވަނީ އަޅުގަނޑުމެންނަށް ކޮވިޑް-19 އާއި ހަނގުރާމަ ކުރުމަށް އެކި އެހީތެރިކަން ފޯރު ކޮށްދީފައި" އޭގައުމުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުންޏެވެ.

އޭނާ ބުނީ އެފަދަ އެހީތެރިކަން ދުވަހަކުވެސް އެގައުމުން ހަނދާން ނައްތާ ނުލާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޗައިނާއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކަށް ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.