މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާވައިރަސް) އާއި ގުޅުވައިގެން އޮސްޓްރޭލިއާގެ އަވަށަކަށް ނަންދީފިއެވެ.

މިކަން ހާމަކޮށް އެ އަވަށުގެ މޭޔަރު، މައިކަލް ގްރޫބާ ނޫސްތަކުގައި ބުނެފައިވަނީ، އަވަށުގެ ނަން "ސެއިންޓް ކޮރޯނާއަށް" ބަދަލު ކޮށްފައިވާ ކަމަށާއި، މިފަދަ ނިންމުމެއް ނިންމީ ކޮވިޑް-19 އާއި ގުޅިގެން އަވަށުގެ އިގްތިސާދު ހީނަރުވެ ފަތުރުވެރިކަން އެކީހެން ހުއްޓިފައި އޮތުމާއި ގުޅިގެން ކަމަށެވެ.

މިކަން މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ސެއިންޓް ކޮރޯނާ އަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ އަވަށެކެވެ. އެހެންކަމުން މި ބަދަލާއެކު ކުރިޔަށް އޮތް ތަނުގައި އަވަށަށް ފަތުރުވެރިން އައުން އިތުރުވެގެންދާނެ ކަމަށް ގްރޫބާ ގަބޫލުކުރެއެވެ.

އޭނާ ބުނެފައިވާ ގޮތުން އެންމެ ފުރަތަމަ އެ އަވަށަށް ކޮރޯނާގެ ނަމުން ނަންދިނުމަށް ނިންމާފައިވަނީ ބަލިމަޑުކަން ދުނިޔޭގައި ފެތުރެންފެށިތާ ކައިރީއެވެ. އެހެންކަމުން އެ އަވަށުގެ ނަން އެގޮތަށް ބަދަލުކުރަން އުޅޭކަން އެނގުމުން ގިނަ ބަޔަކަށް އެއީ ހެއްވާ ކަމަކަށްވި ކަމަށް ގްރޫބާ ބުނެފައި ވެއެވެ.

ގްރޫބާ ބުނީ ކޮވިޑް-19 ގެ ކުރީކޮޅު މި ބަދަލު ގެނައުމަށް ނިންނާފައި ވަނިކޮށް ހީވެސް ނުކުރާފަދަ ގޮތަކަށް މި ބަލި ފެތުރިގެން ގޮސް ސީރިއަސް ހާލަތަކަށް މުޅި ދުނިޔެ ދިއުމުން ގިނަ ބަޔަކު އެކަމަށް ކުރަމުންދިޔަ މަލާމާތް ހުއްޓިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ނަން ބޭނުންކުރާނީ ފަތުރުވެރިންނަށް މަރުހަބާ ކިޔަން. މިއީ ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށް ނިންމާފައިވާ ނިންމުމެއް. މި ނިންމުމަކީ ސީރިއަސް ނިންމުމެއްކަން ގިނަ ބަޔަކު ގަބޫލުކުރީ، ކޮވިޑް-19 ގެ ހާލަތު ދުނިޔޭގައި ގޯސްވި ހިސާބުން،" ގްރޫބާ ބުންޏެވެ.

އޮސްޓްރޭލިއާ އަކީވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެގެން ދިޔަ އެއް ޤައުމެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ބައްޔަށް ފައްސިވާ މީހުންނާ މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓްރޭލިއާއިން މިހާތަނަށް ޖުމްލަ 7260 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 102 މީހަކު މަރުވެފައި ވެއެވެ. އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 455 މީހަކަށް ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    އެހެންވީމާ، ކޮވިޑް-19 އާއި ގުޅިގެން ހީނަރު ވެފައިވާ އަހަރުމެންގެ ޓޫރިޒަމް އަލުން ފަށާއިރު އެ އިންޑަސްޓްރީ އަށް ފަތުރުންވެރިންގެ ސަމާލުކަން އަތުލައި ގަތުމަށް ޓްއަރިޒަމް މިނިސްޓަރ ގެ ނަން " ކޮރޯނާ ވަޙީދު " އަށް ބަދަލު ކުރުމަކީ އޮބިނޯންނަ ވަރަށް ފަތުރުން ވެރިން ރާއްޖެ އަންނާނެ ކަމެއް ކަމާއި މެދު ކުޑަވެސް ޝައްކެެއް ނެތް.