އިންޑިއާގެ ހައިދަރްއާބާދުގެ ސަރުކާރުގެ ހަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ 79 ޑޮކްޓަރަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ނިޒާމްސް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެންއައިއެމްއެސް)އިން ބުނެފައިވާގޮތުން، ކޮވިޑް-19 އަށް ފައްސިވި 79 ޑޮކްޓަރުންގެ ތެރެއިން 49 ޑޮކްޓަރުން ފައްސިވެފައި ވަނީ އޮސްމާނިއާ މެޑިކަލް ކޮލެޖުންނެވެ. އަދި26 ޑޮކްޓަރަކު އެންއައިއެމްއެސް އިން ފައްސިވިއިރު، ގާންދީ މެޑިކަލް ކޮލެޖުން ފައްސިވެފައި ވަނީ ހަތަރު ޑޮކްޓަރުންނެވެ. އަދި މޮޑާން ގަވާންމެންޓް މެޓާނިޓީ ހޮސްޕިޓަލާއި، ނިލޫފާ ހޮސްޕިޓަލާއި، ކިންގ ކޮޓީ ހޮސްޕިޓަލުންވެސް ޑޮކްޓަރުން ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު 400 އަށްވުރެ ގިނަ އެ ހޮސްޕިޓަލްތަކުގެ ސްޓާފުން މިހާރު ވަނީ ކަރަންޓީނަށް ލާފައެވެ.

މިދިޔަ ހަފްތާ ތެރޭގައި ޓެލެންގަނާ ޖޫނީއާ ޑޮކްޓަާސް އެސޯސިއޭޝަނުން ބުނެފައިވާގޮތުގައި، އޮސްމާނިއާ މެޑިކަލް ކޮލެޖް އެފިލިއޭޓެޑް ހޮސްޕިޓަލުން 32 ޑޮކްޓަރަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެ ގައުމުގައި ސިއްހީ ހިދުމަތްތެރިން މި ވައިރަސްެއަށް ފައްސިވާ އަދަދުތައް ގިނަވާ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި އާއިލާތައް އެ ބައްޔަށް ހުށަހެޅިދާނެ ކަމުގެ ބިރުން އޮތުމުން، އެތައް ބަޔަކު ދަނީ އެ ޝަކުވާ ކުރަމުންނެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 266598 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޮލަދޫމިލަ

    ރައްކާތެރިކަމުގެ ފިޔަވަޅުއެޅީމާ ކޮވިޑް ނުޖެހޭކަމަށް ބުނޭ. ތިޔަބުނާ ޑޮކްޓަރުން މަސައްކަތްކުރީ އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާތޯ؟