ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން އާންމު ރައްޔިތުން ބަލިން ރައްކާތެރި ކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އަންނަނީ އެ ބަޔަކަށް ވީ އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދެމުންނެވެ.

މިއީ ޔަމަނަށް އުފަން އެ ގައުމުގެ ޑޮކްޓަރަކު ބަލި ޖެހިފައިވާ މީހުންނަށާއި ބައްޔާއި ބެހޭ ގޮތުން އިރުޝާދު ބޭނުން ވެފައިވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ ގޮތުގެ ވާހަކައެވެ.

ސާމީ ޔަހްޔާ އަލް ހާއްޖް ނަމަކަށް ކިޔާ މި ޑޮކްޓަރަކީ ބަލި މީހުން ކައިރިއަށް ގޮސް ފަރުވާއާ ބެހޭ ވާހަކަ ހިއްސާކޮށް އިރުޝާދުތައް ދީ، ފަރުވާ އަށް ބޭނުންވާ ބޭސް ސިޓީ ލިޔެދެމުން އަންނަ ޑޮކްޓަރެކެވެ.

ދުވާލެއްގެ މައްޗަށް އެތަކެއް ބަޔަކަށް އޭނާގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، އޭނާ ބުނެފައިވަނީ ފޯނަށް ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މެސެޖުކޮށް ގުޅާ ކަމަށެވެ.

އޭނާ ބުނީ، ފުރަތަމަ އެހީތެރިކަން ފޯރު ކޮށްދޭން ފަށާފައިވަނީ މީސް މީޑިއާ މެދުވެރިކޮށް ކަމަށާއި ފަހުން ބޭނުންވީ މީސް މީޑިއާގެ ހިދުމަތް ނުލިބޭ ފަރާތްތަކަށް ކައިރިއަށް ގޮސް އެ އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ.

"ފަހުން ވިސްނީ އެފަދަ ވަސީލަތެއް ބޭނުން ނުކުރާ މީހުންނަށާއި މަގުމަތި ވެފައި ތިބި މީހުންނަށާއި ފައިސާގެ ދަތިކަމާއި ކުރިމަތި ވެފައިވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް" ސާމީ ކިޔައިދިނެވެ.

ސާމީ ބުނީ، މިދަނޑިވަޅަކީ އޭނާ ކަހަލަ ޑޮކްޓަރުން އެހީތެރިކަމަށް ބޭނުން ވެފައިވާ މީހުންނަށް ލިބިފައިވާ ތަމްރީނުގެ ބޭނުން ކޮށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށާއި ފަގީރު މީހުންނާއި އެހީތެރިކަމަށް ބޭނުން ވެފައިވާ މީހުންނަށް އެހީވުމަކީ އެމީހުންގެ ޒިންމާއެއް ކަމަށެވެ.

އޭނާ ވަނީ ދުނިޔޭގައި ތިބި ހުރިހާ ޑޮކްޓަރުންނަށް، ހާއްސަކޮށް ތަމްރީނު ނިންމައި ވަޒީފާއަށް ނުނިކުމެ ތިބި މީހުންނަށްވެސް ކޮންމެވެސް ގޮތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް އިލްތިމާސް ކޮށްފައެވެ.

ޔަމަން އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 496 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ތެރެއިން 28 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 112 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބިލީސް

    ތިތިބަ ފެންނަނީ ހަޤީޤީ ޑޮކްޓަރުންނަކީ، ކިޔެވީ ހަމަ އެކަނި ބޮޑު މުސާރަ ހޯދާކަށްނޫން. މީހުންނަށް އެހީވާންވެސް ބޭނުންވާތީ. މިތާތިބި މަބޮޑާ ވެފަތިބޭ މީހިންހެނެއްނޫން