އިރާންގައި 15 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ އެ ގައުމުގެ ސިއްހީ އޮފިޝަލުން ލަފާކޮށްފިއެވެ.

އެ ގައުމުގެ ޓާސްކް ފޯސްގެ މެމްބަރު އެހްސަން މުސްތަފްވީ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިރާންގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މިހާތަނަށް އިރާންގެ 15 މިލިއަން މީހުންނަށް ބަލި ޖެހިފައި ތިބެދާނެ ކަމަށާއި މިއީ ދުނިޔެއިން ހީކޮށްގެން ތިބި އަދަދެއް ނޫން ކަމަށެވެ.

އިރާންގައި ފުރަބަންދަށް ގެނައި ލުއިތަކާ ގުޅިގެން އެ ގައުމުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެން ވަނީ ފަށައިފައެވެ. ފުރަބަންދަށް ލުއިތަކެއް ގެނައުމާ ގުޅިގެން ބަލި ފެތުރިގަތް މަދު ގައުމުތަކުގެ ތެރޭގައި އިރާން ވަނީ ހިމެނިފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިރާންގައި 175,927 މީހަކަށް ބަލި ޖެހި، 8,425 މީހަކު ވަނީ މަރުވެފައެވެ. ބަލި ޖެހުނު 138,457 މީހުން ރަނގަޅުވެފައިވާ އިރު، 29,045 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 2,639 މީހެއްގެ ހާލު ސީރިއަސްއެވެ.

އިރާންގައި އިއްޔެ އެކަނި ވެސް 2,095 މީހަކަށް ބަލި ޖެހި 74 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުގައި ހެދި އެންޓި ބޮޑީ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުގައި 18.75 އިންސައްތަ މީހުންނަށް ބަލި ޖެހި މިހާރު ވަނީ ރަނގަޅުވެފައެވެ. ބަލި ޖެހޭ ގިނަ މީހުންގެ ފަރާތުން މާ ބޮޑު އަލާމާތްތަކެއް ނުފެންނަ އިރު، މި ބަލީގައި ސީރިއަސް ހާލަތަކަށް ދަނީ މަދު ބައެކެވެ.

އެހެންވެ، އިރާންގައި ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު ކޮވިޑް-19 ޖެހިފައިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އީރާނުން ދާދި ފަހުން ވަނީ އެއް މިލިއަނަށް ވުރެ ގިނަ ޕީސީއާރު ޓެސްޓް ހަދައިފައެވެ.

އިރާންގައި ފުރަބަންދަށް ގެނައި ލުއިތަކުގެ ސަބަބުން އޮފީސްތަކާއި އާންމު ތަންތަނާއި ޖިމް ފަދަ ތަންތަން ވަނީ ހުޅުވައިފައެވެ. އިރާނުން ބުނި ގޮތުގައި އެ ގައުމަށް "ދެ ވަނަ ރާޅެއް" އެރީ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިލާވަޅު

    މިރާއްޖެވެސް ތިކަހަލަ ބޮނޑިއެއް ބޮއެފާނެ..ލުއުދީގެން.. މާލެ އެތެރޭގައި ގޮތްނޭގޭ އެތައްބަޔަކު ކޮވިޑް19 ޖެހިފައިވޭ..ލުއިދިނުން ތިއީ މަރުގެ ރިސްކެއް

    2
    1