ނުރައްކާތެރި ކޮވިޑް -19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 277 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއީ އެޤައުމުން މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ދުވަހެކެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7,750 އަށް އަރާފައެވެ.

އިދާރާތަކުން ބުނާގޮތުން އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 10,218 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އިންޑިއާއިން މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑޤ-19 އަށް ފައްސިވި ފަހަރުވެސް މެއެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 276,146 އަށް އަރާފައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 134,667 މީހެކެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 133,729 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން 8944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ