ބްރެޒިލް އިން އިތުރު 31000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1185 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 31,197 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު، އެއް ދުވަސް ތެރޭ މި ބައްޔަށް ފައްސިވި ފަހަރެވެ.

އިއްޔެ އިތުރު ގިނަ އަދަދެއްގެ ބަޔަކު ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން މަރުވުމާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 38,497 އަށް އަރާފައެވެ. ބްރެޒިލް އަކީ މިދިޔަ 24 ގަޑިއިރު ތެރޭގައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އެޤައުމަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި މިހާތަނަށް ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 325,602 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 7.3 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާއިރު، ބްރެޒިލްގައި ދަނީ އެފަދަ ފިޔަވަޅުތައް އެޅުމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އިސްވެ ހުރެ ކުރިޔަށްގެންދާ މި މުޒާހަރާތަކުގައި ގޮވާލަމުން ދަނީ، ސްޓޭޓްތަކުގެ ގަވަރުނަރުން، އެ ސްޓޭޓްތަކުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތައް ވަގުތުން އުވާލުމަށެވެ.

ބްރެޒިލްގެ ރައީސް ބުނާގޮތުގައި ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެކެވެ. އެހެންކަމުން އެކަމާއި ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ޤައުމު ހުޅުވާލައި އާންމު ދިރިއުޅުމަށް އެންމެންވެސް ދާން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. މި ބަލީގެ ކުރީކޮޅު އޭނާ ބުނެފައި ވަނީ، ބްރެޒިލްގެ ރައްޔިތުންނަށް މި ބަލި ޖެހުމަކީ ދުރު ކަމެއް ކަމަށާއި، އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފައިބައި ތިއްބަސް މި ބަލީގެ އަސަރެއް ނުކުރާނެ ކަމަށެވެ.