ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވަރަށް ބޮޑަށް މަދުވުމަށް ފަހު އިއްޔެ އަނެއްކާވެސް އިތުރުވެއްޖެއެވެ. އިއްޔެ އެމެރިކާ އިން ވަނީ ކޮވިޑް-19 ޖެހިގެން 1093 މީހަކު މަރުވެފައެވެ.

އިއްޔެ އަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ ކެލިފޯނިއާ އިންނެވެ. ކެލިފޯނިއާ އިން އިއްޔެ 96 މީހަކު މަރުވެފައި ވެއެވެ. އިލިނޮއިސް އިން 94 މީހަކު މަރުވެފައި ވާއިރު ނިއުޔޯކުން 87 މީހަކު، ނިއުޖާޒީން 77 މީހަކު އިއްޔެ މަރުވެފައި ވެއެވެ.

އިއްޔެ އެމެރިކާ އިން ވަނީ ކޮވިޑް-19 އަށް 19056 މީހަކު ފައްސިވެފައެވެ. މަރުވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ފާއިތުވި ތިން ދުވަހު އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މާބޮޑަށް އިތުރުވެފައެއް ނުވެއެވެ. ނަމަވެސް ވަކިވަކި ސްޓޭޓްތަކުން ފައްސިވި މީހުންނަށް ބަލާއިރު 14 ސްޓޭޓަކުން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަނީ ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ބަލި ފެތުރުމުންނާއި، ފުރަބަންދަށް ލުއިތައް ދިނުމުން އާއްމުން ގެއިން ބޭރަށް ނިކުތުން އިތުރު ވުމުން ކަމަށް ލަފާ ކުރެވޭ ކަމުގައި އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2,045,549 އަށް އަރާފައެވެ. އޭގެ ތެރެއިން 114,148 މީހަކު މިހާރު މަރުވެފައި ވާއިރު، 788,862 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އެމެރިކާ އަދި އިންޑިއާ މިދެޤައުމުންވެސް ތިޔަ ކޮރޯނާވައިރަސް ދާނީ އިތުރުވަމުން ! މިދެބައިމީހުންނަކީވެސް ޖާހިލުކަން އިންތިހާއަށް އެބައިމީހުންގެ ތެރޭގައި އަށަގެންފައިވާ ބައެއް !