ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 388 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް މި ބަލީގައި އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ މަރުވި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން، މިހާރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 287,155 އަށް އަރާފައެވެ.

އިދާރާތަކުން ބުނާގޮތުން އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 12,375 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އިންޑިއާއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފަހަރުވެސް މެއެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 287,155 އަށް އަރާފައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އަދި އެޤައުމަކީ އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ހަލުވިކަމާއެކު މިބަލި ފެތުރެމުންދާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 140,979 މީހެކެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 138,069 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން 8944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު