ފާއިތުވެދިޔަ ފަސް ދުވަސް ތެރޭ ބްރެޒިލް އިން ލައްކައަކަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް އަލަށް ފައްސިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިއްޔެވެސް ބްރެޒިލް އިން ކޮވިޑް-19 އަށް އިތުރު 30000 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވާއިރު، އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 770000 އަށްވުރެ އިތުރުވެފައެވެ. އަދި މި ބަލީގައި އެޤައުމުން މިހާތަނަށް 40000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

ބްރެޒިލް އަކީ އެމެރިކާ ފިޔަވައި މުޅި ދުނިޔެއިން ވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އަދި މިހާރު ދުނިޔެއިން އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ ޤައުމަކީވެސް ބްރެޒިލް އެވެ.

ކޮވިޑް-19 ގެ ނުރައްކާ ބްރެޒިލް އަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އެޤައުމުގައި ހިފެހެއްޓުމެއް ނެތި މި ބަލި އަންނަނީ ފެތުރެމުންނެވެ. އެގޮތުން އެޤައުމުން ކޮންމެ ދުވަހަކު އަލަށް ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ އިތުރުވަމުން މި ދަނީ އެޤައުމުގައި މި ބަލި ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ގިނަ ބަޔަކު އެއްވުންތައް ބާއްވާފައި ވަނިކޮށެވެ. މި އެއްވުންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އެވެ.

އޭނާ ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ފުރަބަންދު ކޮށްފައި ބޭއްވުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. އަދި ފުރަބަންދުގެ ސަބަބުން ކޮވިޑް-19 އިން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ޤައުމަށް ލިބޭނެ ކަމަށް އޭނާ ބުނަމުން ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަލާމާތްކޮށް ބޮލްސެނާރޯ ކުރިން ބުނެފައި ވަނީ ބްރެޒިލް އަކީ ދުނިޔެއިން ހަމައެކަނި "ކޮވިޑް ފްރީ" ޤައުމު ކަމަށެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ނެތް ކަމަށް ބުނެ ކުރިން އޭނާ ވަނީ، ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފޭބިޔަސް އެޤައުމުން މި ބަލި ނުޖެހޭނެ ކަމަށް ބުނެފައެވެ.

ބޮލްސެނާރޯގެ މި ވާހަކަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންވެސް ކަންބޮޑުވެފައި ވަނިކޮށް އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ބްރެޒިލްގައި ވަނީ ކުރިން ބަލި ނުފެތުރޭހައި ހަލުވިމިނުގައި މި ބަލި ފެތުރެން ފަށައި، ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަށް ވެގެން ގޮސްފައެވެ. އެއާއެކު ބޮލްސެނާރޯގެ އަޑު މިހާރު ވަނީ ކެނޑިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ބަލަ ! އެޤައުމުގެ ރައީސް ބުނި ! ނަޖިހުގެ ޖަންކްޝަނަށް އެރިއޮތަސް ކޮރޯނާއެއް ނުޖެހޭނެއޭ ! ދެން މިވަނީ ކިހިނެއް ؟ ތިއީ ޓްރަމްޕްގެ ފަހުލަވާނެއް ދޯ ؟