މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 708 މީހަކު މަރުވެއްޖެއެވެ.

މިއާއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 15,357 އަށް އަރާފައެވެ.

މިއަދަކީ އެގައުމުން މި ބަލި ޖެހިގެން 3 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުމުން މި މަހުގެ 4 ވަނަ ދުވަހު 1092 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު މީގެ 5 ދުވަސް ކުރިން 816 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯ އިން އިތުރު 4,883 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 129,184 އަށް އަރާފައެވެ.

އެގައުމުން މި ބަލި ޖެހިގެން 93,930 މީހަކު ރަނގަޅުވެފައިވާއިރު، ހާލު ދެރަވެގެން އައިސީޔޫގައި 378 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މެކްސިކޯ އިން ބަލި ޖެހިގެން 15,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެގައުމުގެ މީޑިއާތަކުން ބުނަމުން އަންނަނީ އެގައުމުން އަސްލު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ސަރުކާރުން ހާމަ ކުރާ ވަރަށްވުރެ ގިނަ ވާނެ ކަމަށެވެ.

މެކްސިކޯ ހިމެނޭ ގޮތަށް ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަށް ކޮވިޑް-19 ވަނީ ފެތުރިފައެވެ. މެކްސިކޯއަކީ މުޅި ދުނިޔެއަށް ބަލާއިރު 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް މި ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ.