ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން ފައްސިވީ މީހުންގެ އަދަދު 8 ލައްކައަށް އަރައި، މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 40000 އަށްވުރެ އިތުރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދަކީ 802,828 އެވެ. އަދި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 40,920 އެވެ.

މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ބްރެޒިލް އަކީ މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހި، ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މިހާތަނަށް ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި އިނގިރޭސިވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 41000 ގައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބްރެޒިލް އިންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 33100 އަށް އަރައެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އިއްޔެ ބްރެޒިލް އިން އިތުރު 1300 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވާއިރު، އިއްޔެ މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމަކަށް ވެފައި ވަނީ ބްރެޒިލް އެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 396,692 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 7.5 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.