ކޮވިޑް-19 އަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ޓެސްޓް ކުރުމުގެ ތިން ވަނަ މަރުހަލާ ޖުލައި މަހު ފަށަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މިވެކްސިންގެ ދެވަނަ މަރުހަލާގެ ޓެސްޓްތައް އަދިވެސް ކުރިއަށް އެބަދެއެވެ.

ދެވަނަ މަރުހަލާގެ ޓެސްޓްތަކުން މިހާތަނަށް ލިބުނު ނަތީޖާއެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތިން ވަނަ މަރުހަލާގެ ޓެސްޓްތައް ކުރިއަށް ގެންދާނެ ގޮތް މޮޑާނާ އިން ނިންމައި، ތާރީޚްތައް ކަނޑައަޅާނީ މިހާތަނަށް ލިބުނު ނަތީޖާތައް ރަނގަޅު ވުމުންނެވެ.

ކުރިން މޮޑާނާ އިން ބުނެފައިވާ ގޮތުގައި ދެވަނަ މަރުހަލާގެ ޓެސްޓްތަކުގައި ބަލާނީ މިވެކްސިނަކީ ކޮވިޑް-19 އާއި ދެކޮޅަށް ދިފާއީ ނިޒާމު ތައްޔާރު ކޮށްދޭ ވެކްސިނެއްތޯއެވެ.

ތިން ވަނަ މަރުހަލާގެ ޓެސްޓްތައް 28 ދުވަސް ވަންދެން ކުރިއަށް ގެންދާނެއެވެ. މިމަރުހަލާގައި 30000 މީހުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޮޑާނާ އިން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާ ސަރުކާރާއި ގުޅިގެންނެވެ. އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ހެލްތު އިން ގެންދަނީ ވެކްސިން އުފެއްދުމަށް މޮޑާނާ އަށް ފަންޑު ދެމުންނެވެ. އެކުންފުންޏަށް މިހާރު ވެސް އެމެރިކާ ސަރުކާރުން ވަނީ 483 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި މޮޑާނާ އިން ހޯދަމުން ގެންދާ ކުރިއެރުންތަކުގެ ސަބަބުން އެކުންފުނީގެ ހިއްސާގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވާ ގޮތުގައި އެންމެ ލަސްވެގެން އަންނަ އަހަރު ފެށެން ވާއިރަށް މޮޑާނާގެ ވެކްސިން ބޭނުން ކުރަން ލިބޭވަރު ވާނެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން ފަސް ކުންފުންޏަކަށް އެމެރިކާ ސަރުކާރުން ފަންޑު ކުރެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް 100 އަށް ވުރެ ގިނަ ލެބޯޓްރީގައި ކުރިއަށް ދާއިރު 10 ވަރަކަށް ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަމުން އެބަގެންދެއެވެ. ސައިންސްވެރިން އުއްމީދު ކުރަނީ މިއަހަރުގެ ސެޕްޓެމްބަރ މަހު ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު