އިންޑިއާގެ ކަރްނާޓަކާ އަށް ނިސްބަތްވާ ރައްޔިތަކު އޭނާ ކަރަންޓީނުގައި ހަފްތާ އެއް ވަންދެން ބަހައްޓާފައި، ނަތީޖާ ނުލިބެނީސް އޭނާ ވަނީ ދޫކޮށްލާފައެވެ. މިއާއިއެކު އޭނާ ވައިރަހަށް ނައްސި ވީ ކަމަށް ހީކޮށް ބޮޑު ޕާޓީ އެއް ބޭއްވި ފަހުން އޭނާގެ ނަތީޖާ ލިބުނު އިތު ފައްސި ވެއްޖެއެވެ.

ކަރްނާޓަކާގެ ބެލަގާވީގައި އުޅޭ މި ފިރިހެން މީހާ ކަރަންޓީނު ކޮށްފައި ވަނީ އެ ގައުމުގައި ވައިރަސް އެންމެ ގަދައަށް ފެތުރެމުން އަންނަ އެއް ސިޓީ ކަމުގައިވާ މުމްބާއީ އިން އައުމުންނެވެ. މިއާއިއެކު އޭނާ ވަނީ 7 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކޮށްފައެވެ.

އިންޑިއާގައި މިހާރު ދެ ހަފްތާގެ ކަރަންޓީނުގެ ބަދަލުގައި 7 ދުވަހަށް ކަރަންޓީނު ކުރަން ނިންމާފައި ވާއިރު، 7 ދުވަސް ފުރިހަމަ ވުމުން ވައިރަހުގެ އެއްވެސް ނިޝާނެއް ނުފެންނަ ނަމަ، ނަތީޖާ ލިބުމުގެ ކުރިންވެސް ދޫކޮށްލައެވެ.

މި ފިރިހެން މީހާގެ ފަރާތުންވެސް އެއްވެސް ނިޝާނެއް ނުފެނުމާއި އެކު ދޫކޮށްލުމުން މިކަން ފާހަގަ ކުރަން އޭނާ ވަނީ އެރޭ ބޮޑު ޕާޓީ އެއް ބާއްވާފައެވެ. ޕާޓީ ނިމި، އޭގެ އަނެއް ދުވަހު އޭނާގެ ނަތީޖާތައް ލިބުނު އިރު އެނގުނީ އޭނާ ފައްސިވެފައި ހުރި ކަމެވެ.

މިއާއިއެކު ވަގުތުން އެމީހާ ކަރަންޓީނު ފެސިލިޓީ އަކަށް ގެންގޮސް އޭނާ އަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެ ޕާޓީ އަށް ދިޔަ އެންމެން ހޯދައި. ފައްސިވި މީހާ އާއި ދިމާވި އެންމެންވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ އަކީ މިހާރު މުޅި ދުނިޔެ އިންވެސް 4 ވަނައަށް އެންމެ ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުން އަންނަ ގައުމަށް ވާއިރު، އެ ގައުމުގެ ރައްޔިތުން މި ދުވަސްވަރު ޕާޓީ ނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު