ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް ބްރެޒިލް ވެއްޖެ އެވެ. މި ބަލީގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް ބްރެޒިލް ވެފައި ވަނީ، ކުރިން ދެވަނައިގައި އޮތް އިނގިރޭސިވިލާތަށްވުރެ މަރުވި މީހުންގެ އަދަދު މިރޭ އިތުރުވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު، ބްރެޒިލް އިން އިއްޔެ އެކަނިވެސް 1261 މީހަކު މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 41,828 އަށް އަރާފައެވެ. ބްރެޒިލް އާއި ޖެހިގެން ދެން އެންމެ ގިނަ ބަޔަކު މަރުވި އިނގިރޭސިވިލާތުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 41,481 އެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ގައި މަރުވި ޤައުމަކަށް ބްރެޒިލް ވެފައިވާއިރު، އެޤައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާ ޤައުމުވެސް މެއެވެ. އިއްޔެ އެކަނިވެސް އިތުރު 30,465 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް ޖުމްލަ 828,810 މީހަކަށް ބަލި ޖެހިފައި ވެއެވެ.

ބްރެޒިލް އަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއަށްވުރެ ބޮޑަށް މިހާރު މިބަލި ފެތުރެމުންދާ ޤައުމެވެ. އަދި މިވަގުތު ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަކަށް ވެފައި ވަނީވެސް ބްރެޒިލް އެވެ. މިގޮތުން އެޤައުމުން ބައްޔަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ހިފެހެއްޓުމެއް ނެތި އަންނަނީ އިތުރުވަމުންނެވެ.

ބްރެޒިލް އަކީ ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، ބެލީގައި މަރުވި ޤައުމެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 396,692 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ އިތުރުވަމުން މި ދަނީ އެޤައުމުގައި މި ބަލި ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ގިނަ ބަޔަކު އެއްވުންތައް ބާއްވާފައި ވަނިކޮށެވެ. މި އެއްވުންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އެވެ.

އޭނާ ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ފުރަބަންދު ކޮށްފައި ބޭއްވުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. އަދި ފުރަބަންދުގެ ސަބަބުން ކޮވިޑް-19 އިން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ޤައުމަށް ލިބޭނެ ކަމަށް އޭނާ ބުނަމުން ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަލާމާތްކޮށް ބޮލްސެނާރޯ ކުރިން ބުނެފައި ވަނީ ބްރެޒިލް އަކީ ދުނިޔެއިން ހަމައެކަނި "ކޮވިޑް ފްރީ" ޤައުމު ކަމަށެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ނެތް ކަމަށް ބުނެ ކުރިން އޭނާ ވަނީ، ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފޭބިޔަސް އެޤައުމުން މި ބަލި ނުޖެހޭނެ ކަމަށް ބުނެފައެވެ.

ބޮލްސެނާރޯގެ މި ވާހަކަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންވެސް ކަންބޮޑުވެފައި ވަނިކޮށް އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ބްރެޒިލްގައި ވަނީ ކުރިން ބަލި ނުފެތުރޭހައި ހަލުވިމިނުގައި މި ބަލި ފެތުރެން ފަށައި، ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަށް ވެގެން ގޮސްފައެވެ. އެއާއެކު ބޮލްސެނާރޯގެ އަޑު މިހާރު ވަނީ ކެނޑިފައެވެ.