އެމެރިކާގައި ކޮވިޑް-19 ފެތުރުން އިތުރުވެއްޖެ ކަމަށާއި މިހާރު މިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެހެން ތަޖުރިބާކާރުން ވެސް އިންޒާރު ދެމުން ގެންދިޔަ "ދެވަނަ ރާޅު" އެމެރިކާ އަށް އަރާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެމެރިކާ އިން 27221 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ބުރާސްފަތި ދުވަހު ފައްސިވެފައި ވަނީ 23300 މީހުންނެވެ. ބުދަ ދުވަހު ފައްސިވީ 20852 މީހުންނެވެ. އިއްޔެ އަކީ މެއި މަހުގެ 21 ވަނަ ދުވަހަށް ފަހު އެމެރިކާގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެމެރިކާގައި ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައި މިވަނީ އެމެރިކާގެ ހާލަތު ރަނގަޅު ވާން ފެށުމުން ގިނަ ސްޓޭޓްތަކުގައި ދިން ފުރަބަންދުގެ ލުއިތަކުގެ ސަބަބުންނާއި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ބަލި އިތުރަށް ފެތުރިގެން ދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެމުން ގެންދަނިކޮށެވެ.

އެމެރިކާގައި މިއަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕޭން އެއްވުންތައް ބާއްވަން ތައްޔާރުވަމުންދާކަން އިއުލާން ކޮށްފައި ވަނިކޮށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ ސައިންސްވެރިޔާ ޑރ.އަންތަނީ ފައުޗީ ވަނީ އެއްވުންތައް ބޭއްވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރޭ ވިދާޅުވެފައެވެ.

ޖޫން މަހުގެ 19 ވަނަ ދުވަހު ކެމްޕޭން އެއްވުންތައް ފަށަން ޓްރަމްޕް ގެންދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާ އިން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިތުރުވި ނަމަވެސް، މަރުވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އިއްޔެ އެމެރިކާ އިން މަރުވީ 791 މީހެކެވެ. އިއްޔެ އަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

މިހާރު ހާލަތު ގޯސްވަމުންދާ ގޮތައް ބަލާއިރު، އަނެއްކާވެސް އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ބަލި މީހުންގެ އަދަދު އިތުރުވެ، ފަރުވާ ދިނުމަށް ދަތިތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މީހަމަ ބުއްޅަބޭމެން ބޭނުންވާގޮތް.