އިންޑިއާގެ ސަރުކާރު ހޮސްޕިޓަލެއްގައި މަރުވި މީހެއްގެ ހަށިގަނޑު ގެއްލިގެން އާއިލާ އިން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަޙްޤީޤު ކުރިއިރު، މަރުވި މީހާގެ ހަށިގަނޑު އޭނާ އާއި އެއްވެސް އާއިލީ ގުޅުމެއް ނެތް ބަޔަކާއި ހަވާލުކޮށް، އެއީ އެއާއިލާ މެންބަރެއް ކަމަށް ބުނެ ވަޅުލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަރުވި މީހާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ފުރަތަމަ ފަރުވާ ދޭން ފެށީ ހައިދަރްއާބާދުގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއްގައެވެ. ދަރިފުޅު ވެންޓިލޭޓަރަށް ލާން ޖެހިއްޖެ ކަމާއި، ކޮންމެ ދުވަހަކަށް 50000 ރުޕީސް އާއި 100000 ރުޕީސްއާއި ދެމެދުގެ އަދަދެއް ހޮސްޕިޓަލަށް ދައްކަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނުމުން އާއިލާ އިން ވަނީ އެހައި ގިނަ ފައިސާ ދެއްކޭނެ ފަދަ ތަނަވަސްކަމެއް އެމީހުންގެ ނެތް ކަމަށް ބުނެފައެވެ.

"އަންގާރަ ދުވަހު ދަރިފުޅު ބަދަލުކުރީ ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ގާންދީ ހޮސްޕިޓަލަށް. އަހަރެންގެ ދަރިފުޅަށް ކޮވިޑް-19 ޖެހުނުކަން ނުވެސް އެނގެނީސް އެހޮސްޕިޓަލަށް ދަރިފުޅު ބަދަލު ކުރަން ޖެހުނު ސަބަބެއް ނޭނގޭ." ބައްޕަ ބުންޏެވެ.

ބުދަ ދުވަހު ގާންދީ ހޮސްޕިޓަލުން އާއިލާ އަށް އެންގީ ފަރުވާ ދެމުންދިޔަ ޒުވާނާ މަރުވެފައިވާ ކަމަށެވެ. އެހައި ހިސާބުން އާއިލާ މެންބަރުން ވަނީ ހޮސްޕިޓަލަށް ގޮސް މަރުވި މީހާގެ ހަށިގަނޑު ދެނެގަތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލުން މަރުވެފައިވާ 13 މީހެއްގެ ހަށިގަނޑު ދެއްކިއިރު ވެސް އޭގެތެރޭގައި އެއާއިލާ މެންބަރުގެ ހަށިގަނޑެއް ނެތެވެ.

ހަށިގަނޑު ނުފެނުމުން އާއިލާ އިން ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުން މައްސަލަ ބެލުމަށް ފަހު ބުނީ ގެއްލިގެން އުޅޭ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.

"ގާންދީ ހޮސްޕިޓަލްގައި މަރުވި އެހެން އާއިލާއެއްގެ މެންބަރަކުކަމަށް ހީކުރެވިގެން އަހަރެންގެ ދަރިފުޅުގެ ހަށިގަނޑު ވަނީ ބަޔަކާއި ހަވާލުކޮށް ވަޅުލާފައި ކަމަށް ފުލުހުން ބުނޭ. ނަމަވެސް އަހަރެމެންނަށް އެކަން ގަބޫލު ކުރަން ދަތި." މަރުވި މީހާގެ ބައްޕަ ބުންޏެވެ.

މީގެ ކުރީ ހަފްތާގައި ވެސް ގާންދީ ހޮސްޕިޓަލްގައި ހަމަމިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެފަހަރު ފިރިމީހާ މަރުވެގެން ހަށިގަނޑު ދެނެގަންނަން ދިޔަ އަންހެނަކު ބުނެފައި ވަނީ ހޮސްޕިޓަލުން ދެއްކީ އޭނާގެ ފިރިމީހާގެ ހަށިގަނޑު ނޫން ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އިންޑިއާގެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ގޮސް، އެތައް ބަޔަކަށް ފަރުވާ ނުދެވޭ މައްސަލަ ވެސް މިހާރު ވަނީ ކުރިމަތިވެފައެވެ.