ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮވިޑް-19 އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވުމުން، އެސިޓީގެ އެންމެ ބޮޑު އެއް ހޯލްސޭލް މާކެޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު ބުނީ ބެއިޖިންގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ކޮވިޑް-19 ޖެހިފައިވާ ހަމީހަކު އިތުރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެމީހުންނަކީ ބަންދުކުރި "ޒިންފާޑީީ މާކެޓަށް" ޒިޔާރަތް ކުރި ދެމީހުންނެވެ. މިމާރުކޭޓަކީ ތާޒާއި މޭވާއާއި، މަހުގެ އިތުރުން ތާޒާކޮށް ހުންނަ އެހެން ބައެއް ކާބޯތަކެތި ވިއްކާ މާކެޓެކެވެ. މިހާރު ހެލްތު ކައުންސިލުން ނިންމާފައި ވަނީ މާކެޓްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރާށެވެ.

ކޮވިޑް-19 ބެއިޖިން އިން އަލުން ފެނިފައި ވާތީ ބެއިޖިންގެ މަޝްހޫރު ސީފުޑް މާކެޓެއް ކަމަށްވާ "ޖިންޝެން" ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެތަނުން އަދި އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ދޮޅުމަސް ދުވަސް ފަހުން ބެއިޖިން އިން ކޮވިޑް-19 ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެދުވަހު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކީ ފާއިތުވި ދެހަފްތާ ދުވަހުގެ ތެރޭގައި ބެއިޖިން އިން ބޭރަށް ދަތުރުކުރި މީހެއް ނޫނެވެ. އަދި އެހެން ސިޓީއަކުން ދަތުރުކުރި މީހަކާއި ގާތުން ބައްދަލުވެފައިވާ މީހެއް ވެސް ނޫނެވެ. އެހެންކަމުން އޭނާ އަށް ކޮވިޑް-19 ޖެހުނު ގޮތެއް އަދި ނޭނގެއެވެ.

ބެއިޖިން އިން ކޮވިޑް-19 ފެނިފައި މިވަނީ އެސިޓީގެ ސްކޫލްތައް އަންނަ ހޯމަ ދުވަހު ހުޅުވަން ތައްޔާރުވަމުން ދަނިކޮށެވެ. ކޮވިޑް-19 ފެނުމާއި ގުޅިގެން މިހާރު ވަނީ ސްކޫލްތައް ހުޅުވުން ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲއިމްތިހާނު ކުރައްވާ އިންސާނުންގެ ބަލި ކަށިކަން އިންސާނުންނަށް ހާމަ ކުރައްވަނީ އެވެ ފާފަ ފުއްސެވުމަށް ދަންނަވާށެވއ

    13