ކޮވިޑް-19 ބައްޔަކީ އެ ބަލި ޖެހޭ ކޮންމެ މީހަކު ދުނިޔެ ދޫކޮށްދާ ބައްޔެއް ނޫނެވެ. ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާ އިރު، މަރުވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުން ގިނަ ކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގެ ވެންޓިލޭޓަރެއްގައި 65 ދުވަސްވަންދެން އޮވެފައި ބަލިން ރަނގަޅު ވެފައިވާ މީހެއްގެ ވާހަކައެވެ.

އުމުރުން 59 އަހަރުގެ ޖޯން ބެޓްސް އެންމެ ފުރަތަމަ އެ ގައުމުގެ ނޮދަމްޓަން ހޮސްޕިޓަލުގައި އެޑިމިޓް ކޮށްފައިވަނީ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ޖެހިގެން އައި ދުވަހު ޑޮކްޓަރުން ވަނީ އޭނާ ކޯމާ އަކަށް ގޮސްފައިވާ ކަން އާއިލާއަށް އަންގައިފައެވެ.

އޭނާ ކޯމާގައި މާ ގިނަ ދުވަސްވެފައިވާތީ، ހޮސްޕިޓަލުން އާއިލާއަށް ހަތަރު ފަހަރު މަތިން އޭނާގެ ހާލަތު ރަނގަޅުނުވެ މަރުވެދާނެ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެންމެން ހައިރާންކޮށްލުމަށްފަހު އެމީހާ ހޭ އަރާފައިވަނީ އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ. އޭގެ 15 ދުވަސް ފަހުން، ބަލިން އެއްކޮށް ރަނގަޅުވެ އޭނާ ދިޔައީ ގެއަށެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ އަކީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން އެ މެޝިންގައި އޮވެ ބަލިން ޝިފާ ލިބިފައިވާ މީހާ ކަމަށެވެ.

ޖޯމް ބުނެފައިވަނީ އޭނާ ބަލިން ސަލާމަތްވުން އެއީ އޭނާ އަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެކަމަކީ ވޭން އަޅާ ކަމެއް ކަމަށެވެ.

"މި ބަލި މަޑުކަމުގެ ތެރޭގައި އުޅޭ އެންމެން ހިތްވަރު ކުރަން ޖެހޭނެ. މިއީ ފަސޭހަ ކަމެއް ނޫން" އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 294،375 މީހުން ރިޕޯޓް ކޮށްފައިވާއިރު، 41،662 މީހަކު ވަނީ ބަލި ޖެހިން މަރުވެފައެވެ. އެ ގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.