ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވަ ނައިޖީރިޔާގެ އިރުއުތުރުގެ ސަރަޙައްދެއްގައި އަވަށަކަށް ބަޔަކު އަރައި ބޮޑު ލޭއޮހޮރުވުމެއް ހިންގައިފިއެވެ.

މިކަން ހާމަކޮށް އެ އަވަށް އޮންނަ ސްޓޭޓުގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަނިޔާވެރި އަމަލު ހިންގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށާއި، ލޭއޮހޮރުވުމުގައި ޖުމްލަ 81 މީހަކު މަރާލާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުން މި ލޭއޮހޮރުވުމުގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. އަދި މި އަމަލު ހިންގުމަށްފަހު އެ އަވަށުގެ އިސް ބައެއް މީހުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ޖުމްލަ 7 މީހަކު ރަހީނުކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މި އަނިޔާވެރި އަމަލު ހިންގީ ސީދާ ކޮން ބައެއްކަން އަދި ކަށަވަރުވެފައި ނުވީނަމަވެސް، މިކަމުގެ ފަހަތުގައި ތިބީ ނައިޖީރިޔާގައި ހަރަކާތްތެރިވާ ނުރައްކާތެރި ނިރުބަވެރި ޖަމާޢަތް، "ބޮކޯ ހަރާމް"ގެ ހަނގުރާމަވެރިން ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެއީ އެ ޖަމާޢަތުން މީގެ ކުރިންވެސް އެޤައުމުގައި މިފަދަ ލޭއޮހޮރުވުން ހިންގާފައި ވާތީއެވެ.

ބުދަ ދުވަހު ނައިޖީރިޔާގައި މި ހާދިސާ ހިނގި ވަގުތު މަންޒަރުދުށް ފަރާތަކުން ނޫސްތަކުގައި ބުނެފައި ވަނީ، ހަތިޔާރު އެޅި ބަޔަކު ވެހިކަލްތަކެއްގައި އެ އަވަށަށް އަރާފައި ވަނީ ޓީޗަރުން ކަމަށް ބުނެއެވެ. އަދި އެއަށްފަހު އަވަށުގެ އެންމެން އެއްތަނަކަށް އެއް ކުރުމަށްފަހު އެމީހުންގެ އަތުގައި ހުރި ހަތިޔާރާއި ހިފައިގެންގުޅޭ ބައެއް ތަކެތިވެސް ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނިރުބަވެރިން ކުއްލި ގޮތަކަށް އާންމުންގެ ގަޔަށް ބަޑިޖަހަން ފެށީ އަވަށުގައި ހުރި ތަކެތި އެއްކޮށްގެން ގޮސް އެމީހުންނާއި ހަވާލުކުރިތަނާހެން ކަމަށާއި، މިގޮތުން ގިނައިރުތަކެއް ވަންދެން ހިންގި މި ލޭއޮހޮރުވުމުގައި ކުޑަކުދިންނާއި އަންހެނުންނަށް ބެލުމެއް ނެތި ރަހުމުކުޑަގޮތަކަށް ގިނަ ބަޔަކު މަރާލީ ކަމަށް މަންޒަރުދުށް މީހާ ބުނެފައި ވެއެވެ.

މި ހާދިސާ އަށްފަހު މަރުވި 49 މީހަކު މިހާރު އެ އަވަށުގައި ވަޅުލާފައިވާއިރު 32 މީހެއްގެ ހަށިގަނޑު، އެމީހުން ނިސްބަތްވާ އަވަށްތަކަށް ވަނީ ގެންގޮސްފައެވެ.

މި އަމަލު ހިންގި މީހުން ވަނީ ލޭއޮހޮރުވުމަށްފަހު ދަމުން، އެ އަވަށުގައި ހުރި ގިނަ އަދަދެއްގެ ގެރިއާއި ކަންބަޅި ފަދަ ޖަނަވާރުތައްވެސް ފޭރިގެންފައެވެ.

މި ހާދިސާ އާއި ގުޅިގެން އެ އަވަށުގައި މިހާރު ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    އެއްވެސްކަހަލަ އިންސާނިއްޔަތުކްމެއް ނުހުރޭދޯ މިކަލަ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް ޝައިޡާނުންތަކެއް މިބައިގަނޑަށް ހިޔެއްނުވެ ތިކުރިކަންތަށް ދެނެވޮޑިގެންވާ ފަރާތެއްވާކަން އަދި ދުވަހެއްވާކަން ހައްގު ޖަޒާލިބޭ . ޔާﷲ މިދުނިޔެއިން މިކަލަނުބއިމީހުން ނެދިކުރައްވާފާނދޭ .

    19
    1