ދުނިޔޭގައި 5 ވަނަ އަށް އެންމެ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ ގައުމު ކަމުގައިވާ އިނގިރޭސިވިލާތުގައި ގައިދުރު ކުރުމުގެ (ސޯޝަލް ޑިސްޓެންސިން) ގެ އުސޫލުތަކަށް ލުޔެއް ދޭން މަޝްވަރާތައް ފަށަައިފިއެެވެ.

އެ ގައުމުގައި އިއުލާން ކުރި ފުރަބަންދަށް ލުޔެއް ދިނުމަށް ފަހު ކޮންމެ މީހެއްގެ މެދުގައިވެސް 2 މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް، މި އުސޫލުގެ ސަބަބުން ކުދި ރެސްޓޯރެންޓުތަކާއި އެނޫންވެސް ވިޔަފާރިތައް އަލުން ފެށުމަށް ހުރަސް އެޅެމުން އަންނާތީ ގިނަ ބަޔަކު ވަނީ އެކަމާއި މެދު ޝަކުވާ ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންގާފައިވާ ގޮތުގައި ބަހައްޓަން ޖެހޭނީ އެންމެ ކުޑަވެގެން 1 މީޓަރުގެ ދުރުމިނެކެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެފައި ވަނީ ސައިންޓިސްޓުންނާއި، ފުންނާބު އުސް ޑޮކްޓަރުންނާއި އެކު މަޝްވަރާ ކުރުމަށް ފަހުގައި މި އުސޫލަށް ބަދަލު ގެނެވިގެން ދާނެ ކަމަށެވެ.

”ވައިރަސް ބަލި ކުރުމުގައި އަހަރެމެން މިވަނީ ކުރި އެރުމެއް ހޯދާފައި. ވައިރަސް ފެތުރެން ފެށި ދުވަސްވަރު ހާލަތު އޮތް ގޮތަށް ވުރެން މިހާރުގެ ހާލަތު ރަނގަޅު. އެހެންކަމުން އަހަރެމެންނަށް މިކަމުގައި އެހެން ނަޒަރަކުން ބެލޭނެ. ޑެންމާކާއި ނޯވޭ ފަދަ ބައެއް ގައުމުތަކުންވެސް ވަނީ 1 މީޓާރަށް މި އުސޫލު މިހާރު ބަދަލު ކޮށްފަ“ ބޯރިސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތް މީގެ ކުރިން އޮތީ އެންމެ ގަދައަށް ވައިރަސް ފެތުރޭ ލިސްޓުގެ 4 ވަނައިގައި ނަމަވެސް، އެ މަގާމު މިހާރު ލިބިފައި ވަނީ އަވަށްޓެރި އިންޑިއާ އަށެވެ.