މިނިސްޓްރީގެ ޙަރަދުގައި ސްކޫލް ދަރިވަރުންނަށް ބެހުމަށް ދެމިލިއަން ޑޮލަރުގެ ލޮލީޕޮޕް އަށް، އޯޑަރު ދޭން އުޅުމުން މަޑަގަސްކާގެ އެޑިއުކޭޝަން މިނިސްޓަރު މަޤާމުން ދުރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ، ރިޖާސޯ އެންޑްރިއާމަނާނާ މަޤާމުން ދުރުކޮށްފައި ވަނީ މަޑަގަސްކާގެ ރައީސް، އެންޑްރީ ރަޖޮލީނާއެވެ.

މިނިސްޓަރ ރިޖާސޯ ގިނަ އަދަދެއްގެ ލޮލީޕޮޕަށް އޯޑަރު ދިނުމަށް ނިންމާފައި ވަނީ، މަޑަގަސްކާ އިން އުފައްދާފައިވާ ކޮވިޑް-19 ގެ ފަރުވާއެއް ކަމަށްބުނާ ބުއިމެއް ސްކޫލް ދަރިވަރުންނަށް ބަހަމުންދާ ދަނޑިވަޅެއްގައި، މި ބުއިން ހިތިވުމުން ކުދިންނަށް މި ބުއިން ބޯން ދަތިވެދާނެ ކަމަށް ބުނެއެވެ.

ރިޖާސޯ އޭނާގެ ނިންމުން ހާމަކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަޤާމުން ވަކިކޮށްފައި މިވަނީ، މަޑަގަސްކާ އިން ތައްޔާރުކުރި މި ބުއިން އެޤައުމުގެ ރައީސް އިސްވެ ހުންނަވައިގެން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުންދާ ދަނޑިވަޅެއްގައި ވެސް މެއެވެ.

މަޑަގަސްކާގެ ރައީސް، ރަޖޮލީނާ އެޤައުމުން އުފެއްދި ކޮވިޑް-19 ގެ ފަރުވާ ކަމަށްބުނާ ބުއިން ޕްރޮމޯޓް ކުރައްވަނީ

މަޑަގަސްކާގެ މި އުފެއްދުން މިހާރު އެފްރިކާ ސަރަޙައްދުގެ ބައެއް ޤައުމުތަކަށް ވެސް ފޮނުވާފައި ވެއެވެ. ނަމަވެސް މި ބުއިމަކީ އެއްވެސް އިތުބާރެއް އޮތް ބުއިމެއް ނޫން ކަމަށާއި، ބައިނަލްއަޤުވާމީ ގޮތުން ކުރިޔަށް ގެންދަންޖެހޭ ތަހުލީލުކޮށްފައި ނުވާ މިފަދަ ތަކެތި ކޮވިޑް-19 އަށް ފަރުވާކުރުމަށް ކަމަށް ބުނެ ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ރައީސް ރަޖޮލީނާ ވަނީ ޑަބްލިއުއެޗްއޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ ޖަމިއްޔާއިން މިފަދަ އިލްތިމާސެއް ކޮށްފައި ވަނީ، މި އުފެއްދުމަކީ ހުޅަނގުގެ ޤައުމަކުން އުފައްދާފައިވާ ފަރުވާއަކަށް ނުވާތީ ކަމަށް ވިދާޅުވެ އޭނަ ވަނީ ޑަބްލިއުއެޗްއޯ އާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ.

ރަޖޮލީނާ ވިދާޅުވެފައި ވަނީ، މިހާރު އެޤައުމުގައި ތައްޔާރުކުރާ މި ބޭހަކީ ކޮވިޑް-19 އަށް މިވަގުތު ދުނިޔެއިން ލިބޭނެ އެންމެ އެކަށީގެންވާ ފަރުވާ ކަމަށެވެ.

މަޑަގަސްކާ އިން ބުނެފައިވާ ގޮތުގައި އެޤައުމުގައި އުފައްދާފައިވާ ބޭހަކީ، މެލޭރިއާއަށްވެސް ފަރުވާކުރުމަށް އެޤައުމުން މީގެ ކުރިން ބޭނުންކުރި ފަތްޕިލާވެއްޔެއް ހިމަނައިގެން އުފައްދާފައިވާ ބޭހެއް ކަމަށެވެ. މިގޮތުން ކޮވިޑް-19 ޖެހިފައިވާ ބައެއް މީހުންނަށް މީގެ ކުރިން މި ބޭސް ދީފައިވާ ކަމަށާއި، އެމީހުންގެ ބަލި މި ބޭހުން ރަނގަޅުވެފައިވާ ކަމަށް އެޤައުމުން ބުނެފައި ވެއެވެ. މީގެ އިތުރުން މި ބޭހަކީ ބަލިން ރައްކާތެރިވުމަށްވެސް ބޭނުންކުރެވޭނެ ބޭހެއް ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުން ކޮވިޑް-19 އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް، ހުއްދަ ލިބިފައިވާ ސީދާ ފަރުވާއެއް ނުވަތަ ވެކްސިނެއް ނެތެވެ. އެހެންކަމުން މަޑަގަސްކާއިން ހޯދި ފަރުވާ ރަސްމީ ގޮތެއްގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުމެއް ނުކުރާނެއެވެ.

ސިއްޙީ ތަޖުރިބާކާރުން ބުނާގޮތުން ކޮވިޑް-19 އަށް އެންމެ އެކަށީގެންވާ ފަރުވާއެއް ހޯދޭނީ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުއެވެ.