އެމެރިކާގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯގް ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަރާލި ހާދިސާ އަށްފަހު މިހާރު ކުރިޔަށްދާ މުޒާހަރާތަކާއި ގުޅިގެން، ފްލޮރިޑާގެ ސްވޮޓް ޓީމުން ދިހަ އޮފިސަރަކު ވަކިވެއްޖެ އެވެ.

މި އޮފިސަރުން ސްވޮޓް ޓީމުން ވަކިވެފައި ވަނީ، ސްޓޭޓުގައި އެ ޓީމުން ހިންގާ އޮޕަރޭޝަންތަކުގައި ރަހުމުކުޑަ ގޮތްގޮތަށް އާންމުންނާއި މެދު އަމަލު ބަހައްޓާ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އިދާރާގެ ވެރިންނަށް ފޮނުވި ސިޓީއެއްގައެވެ.

އެ ސިޓީގައި އޮފިސަރުން ބުނެފައި ވަނީ، އިދާރާއިން ސްވޮޓް ޓީމުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެއްވެސް އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް މެމްބަރުންނަށް ނުރައްކަލާއި ކުރިމަތިވަމުން އަންނައިރުވެސް އިދާރާއިން ބަލަނީ މަގުމަތީގައި އުޅޭ "ޖަނަވާރުން" ގެ ރައްކާތެރި ކަން އިސްކުރުމަށް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

މިދިޔަ މޭއި މަހުގެ 25 ވަނަ ދުވަހު ޖޯޖް ފްލޮއިޑް މަރާލި ހާދިސާ އާއި ގުޅިގެން މީގެ ކުރިން އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ފުލުހުން މީގެ ކުރިން ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަތައް ވަނީ ފެންމަތިވާން ފަށާފައެވެ. އަދި މި މުޒާހަރާތައް ތެރެއިން ފުލުހުން ހިންގާ އަނިޔާވެރި އަމަލުތަކަށް ވެސް ގިނަބައެއްގެ ސަމާލުކަމަށް އަންނަމުން ދެއެވެ.

ފްލޮރިޑާގެ ސްވޮޓް ޓީމުން 10 މެމްބަރަކު ވަކިވިނަމަވެސް އެ މީހުން ފުލުހުންގެ ވަޒީފާއިން ވަކިވެފައި ނުވެއެވެ.

މިކަމާއި ގުޅިގެން މީގެ ކުރިންވެސް އެމެރިކާ ބައެއް ސްޓޭޓްތަކާއި ސިޓީތަކުން ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ މީހުން ވަޒީފާ އާއި މަޤާމު ދޫކޮށްފައި ވެއެވެ. މިގޮތުން މުޒާހަރާތައް ހިނގަމުން ދަނިކޮށް އެޓްލާންޓާގައި ފުލުހުންތަކެއް ކަޅު ނަސްލުގެ އިތުރު މީހަކު މަރާލި ހާދިސާ އަކާއި ގުޅިގެން އެ ސިޓީ ފުލުހުންގެ ވެރިޔާ ވެސް ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ.

މީގެ އިތުރުން އެމެރިކާގެ ބަފަލޯ ސިޓީގައި މުޒާހަރާތައް ތެރެއިން ފުލުހުން އުމުރުން ދުވަސްވީ މީހަކު ކޮއްޕާ ވައްޓާލައި، އޭނާގެ ބޯ ފަޅާލި މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވުމާއި ގުޅިގެން، އެ އަމަލުގައި ބައިވެރިވި ދެ އޮފިސަރަކު ވަޒީފާއިން ސަސްޕެންޑުކޮށް ދަޢުވާވެސް އުފުލާފައި ވެއެވެ. އެ ދެމީހުންގެ ފަރާތުން އަނިޔާ ލިބުނު ދުވަސްވީ މީހާއަށް މިހާރު ފަރުވާދެމުންދާއިރު އޭނާގެ ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ވަކީލުން ބުނެފައި ވެއެވެ.

ޖޯޖް ފްލޮއިޑްގެ މަރަށްފަހު މުޒާހަރާތައް ހޫނުވުމާއި ގުޅިގެން އޭނާ މަރާލި ފުލުހުންނަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އެމީހުން ވަޒީފާއިން ވަކި ކުރުމަށްފަހު މިހާރު ވަނީ ހައްޔަރުކޮށް ދަޢުވާވެސް އުފުލާފައެވެ.