ތުރުކީއަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ޒަޚަމްވި މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް އެޤައުމުން އޮފިޝަލުން ބުނެފިއެވެ.

ތުރުކީގެ އިރުމަތީގައި އޮންނަ ބިންގޯލް ޕްރޮވިންސަށް އާދީއްތަ ދުވަހުގެ ހަވީރު އައި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.7 އަށް އަރާ ކަމަށް، ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެފައި ވެއެވެ.

މި ބިންހެލުމުގައި މަރުވި މީހާގެ އިތުރުން އިތުރު 9 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ.

އެޤައުމުގެ ޑިޒާސްޓަރ އެންޑް އިމަޖެންސީ މެނޭޖްމެންޓް ޑިރެކްޓޮރޭޓް (އޭއެފްއޭޑީ) އިން ބުނެފައިވާ ގޮތުން ބިންހެލުމާއި ގުޅިގެން ބިންގޯލްގެ ކާލިއޯވާ ނަމަކަށްކިޔާ ޑިސްޓްރިކްޓަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެ ސަރަޙައްދުން ގިނަ އަދަދެއްގެ ގެތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އެ އިދާރާއިން ބުނީ، މި ބިންހެލުމުގައި މަރުވި މީހާއަކީ ތުރުކީގެ އަސްކަރިއްޔާގެ އޮފިޝަލެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ ބިންހެލުން ހިނގި ވަގުތު އެ ސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓަން ހުއްޓައި، އިމާރާތެއްގެ ދަށުވެގެންނެވެ. އޭނާ މަރުވެފައި ވަނީ މި ހާދިސާ އަށްފަހު ފަރުވާދެމުން ދަނިކޮށެވެ. އެ އިމާރާތުގެ ދަށުވެ އޭނާ އާއިއެކު ހުރި އިތުރު އޮފިޝަލަކު ވެސް ޒަޚަމްވެފައި ވެއެވެ.

އޭފްއޭޑީން ބުނެފައިވާ ގޮތުން މި ބިންހެލުމުގައި ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެކުއްޖާ ޒަޚަމްވެފައި ވަނީ ބިންހެލުން އައި ވަގުތު ގޭގެ ފުރާޅު ކުއްޖާގެ ގަޔަށް ވެއްޓުމާއި ގުޅިގެންނެވެ.

މި ބިންހެލުމާއި ގުޅިގެން ބިންހެލުމުގެ އަސަރުކުރި ސަރަޙައްދުތަކަށް ތުރުކީގެ ކަމާއިބެހޭ އިދާރާތަކުން ވަނީ އިމަޖެންސީ ޚިދުމަތްދޭ ފަރާތްތަކާއެކު 550 ޓެންޓު ފޮނުވައި ބޯހިޔާވަހިކަން ފޯރުކޮށްދޭ ވަގުތީ ކޭމްޕުތަކެއް ޤާއުމްކޮށްފައެވެ.

ތުރުކީއަށް މީގެ ކުރިން 1999 ވަނަ އަހަރުގެ އޮގަސްޓު މަހު އައި ބިންހެލުމެއްގައި ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެއަހަރު ރެކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 18000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.