އެމެރިކާ އަސްކަރިއްޔާގެ ހަނގުރާމަމަތީ ޖެޓެއް އިންގްލޭންޑުގެ ޔޯކްޝިއާގެ އައްސޭރިން ކަނޑުގެ ސަރަޙައްދަކަށް ވެއްޓިއްޖެއެވެ.

ނޫސްތައް ބުނާގޮތުން މި ޖެޓް ވެއްޓިފައި ވަނީ، އިތުރު ތިން ޖެޓާއި އެކު ކުރިޔަށްގެންދިޔަ ޓްރެއިނިން އެއްގެ ތެރެއިން އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް ޖެޓު ވެއްޓުނީ ސީދާ ކޮން ސަރަޙައްދަކަށް ކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

މި ހާދިސާގައި ޖެޓުގެ ޕައިލެޓް ވަނީ ގެއްލިފައެވެ. އޭނާއާއި އެކު އިތުރު މީހަކު ދަތުރުކޮށްފައި ނުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށް އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް ގެއްލުނު މީހާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ އާއި ގުޅިގެން އިނގިރޭސިވިލާތުގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާ ކަމަށެވެ. އަދި ގެއްލުނު ޕައިލެޓް ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށްގެންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ވެއްޓުނު ޖެޓަކީ އިނގިރޭސިވިލާތުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސްގައި ބޭނުންކުރަމުން ދިޔަ ޖެޓެކެވެ. މިއީ 1979 ވަނަ އަހަރުން ފެށިގެން އަސްކަރީ ހަރަކާތްތަކުގައި އެމެރިކާއިން ބޭނުންކުރާ މޮޑެލްއެއްގެ ޖެޓެއް ކަމަށް ވެއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް އިނގިރޭސިވިލާތުގައި މިފަދަ ޖެޓެއް ވެއްޓިފައި ވެއެވެ. އެ ހާދިސާގައި ޕައިލެޓް ވަނީ ވައިކުޑައިގެ އެހީގައި ސަލާމަތްވެފައެވެ.