ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާ އިން އިތުރު 395 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން މި ބަލީގައި އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން، މިހާރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 9,915 އަށް އަރާފައެވެ.

އިދާރާތަކުން ބުނާގޮތުން އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 10,243 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 343,026 އަށް އަރާފައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އަދި އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ހަލުވިކަމާއެކު މިބަލި މިހާރު ފެތުރެމުންދާ ޤައުމަކީވެސް އިންޑިއާ އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 180,320 މީހެކެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 152,791 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން 8944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.