ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ލަންކާގެ މައި އެއާޕޯޓް، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އަލުން ހުޅުވާލުމަށް އެޤައުމުން ތައްޔާރުވާން ފަށައިފިއެވެ.

ކޮމާޝަލް ފްލައިޓްތައް ހުއްޓާލުމަށްފަހު އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މަޑުޖައްސާލާފައި އޮތްނަމަވެސް ޤައުމުތަކުގައި ތިބި ލަންކާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށާއި ކާގޯ އުފުލުމުގެ ކަންކަމަށް މި އެއާޕޯޓް ބޭނުންކުރަމުން ދިޔައެވެ.

ޤައުމުތަކުން މީހުން ގޮވައިގެން ދަތުރުކުރާ ކޮމާޝަލް ފްލައިޓުތަކަށް ބީއައިއޭ ހުޅުވާލަން ތައްޔާރުވަމުން އަންނަކަން ހާމަކުރައްވަމުން ލަންކާގެ ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރ، ޕްރަސަންނަ ރަނަތުންގާ ވިދާޅުވީ، އޮގަސްޓުގެ ކުރީން އެ އެއާޕޯޓް ހުޅުވާލެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ކުރަމުން ދަނީ އެއާޕޯޓް ހުޅުވުމުގެ ކުރިން ޤާއިމްކުރަން ހަމަޖެހިފައިވާ ކަރަންޓީނު ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކަމަށާއި އެއާޕޯޓްތައް އާންމުންނަށް ހުޅުވާލާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައި ތާށިވެފައި ތިބި ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް ޤައުމުތަކުން ދިހަ ހާހެއްގައި މީހުން އަނބުރާ ލަންކާއަށް ގެންގޮސްފައި ވާއިރު، އިތުރު ވިހިހާސް މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރ، ޕްރަސަންނަ ވިދާޅުވީ، އާންމު ޚިދުމަތަށް އެއާޕޯޓް ހުޅުވާލުމުގެ ކުރީން ޤައުމުތަކުން އެޤައުމަށް ގެންދާ ލަންކާގެ ރަށްވެހީން ގެންދިއުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެހެންކަމުން އެޔަށްފަހު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނީ އެޤައުމަށް ފަތުރުވެރިން ގެނައުމަށް ކަމަށް ޕްރަސަންނަ ވިދާޅުވިއެވެ.

ބީއައިއޭ އަލުން ހުޅުވާލުމަށް ތައްޔާރުވަމުން ދާއިރު، ލަންކާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެޤައުމަށް އެތެރެވުމުގެ ހުއްދަދީ ޚާއްސަ މިންގަނޑުތަކެއްވެސް މިހާރު ވަނީ އެކުލަވާލާފައެވެ. އެޤައުމަށްދާ ކޮންމެ ފަތުރުވެރިއެއްގެ އަތުގައި ކޮވިޑް-19 އަށް ނައްސިކަން އަންގައިދޭ ލިޔުމެއް އޮންނަން ޖެހޭއިރު، އެޤައުމަށް ގޮސް އެއާޕޯޓުގައި ޕީސީއާރު ޓެސްޓެއް ވެސް ހަދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު