ޔޫކްރޭނުގެ ރައީސް، ވްލޮޑިމިއަރ ޒެލެންސްކީގެ އަނބިކަނބަލުން، އޮލޭނާ ޒެލެންސްކާ ކޮވިޑް-19 އަށް ފައްސިވިކަން މިދިޔަ ހަފްތާގައި ހާމަކޮށްފައި ވަނިކޮށް، އެކަމަނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ޔޫކްރޭނުގެ ރައީސް އޮފީހުންވެސް މިކަން މިހާރު ހާމަކޮށްފައި ވާއިރު، އެ އޮފީހުން ބުނެފައި ވަނީ އޮލޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޮލޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކުރުމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި އޮލޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރެއްވީ، އެކަމަނާ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޮލޭނާ ވިދާޅުވީ، އެކަމަނާ ކޮވިޑް-19 އަށް ފައްސިވެފައި ވީނަމަވެސް ފިރިކަލުންނާއި ދަރިން މި ބައްޔަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވީނަމަވެސް ހާލު ރަނގަޅު ކަމަށާއި، މިކަން އެނގުމާއިއެކު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް އޮލޭނާ ވިދާޅުވެފައި ވެއެވެ. އަދި އާއިލާއަށް ބަލީގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށްޓަކައި އާއިލާ އާއި ވަކިން ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ޔޫކްރޭން އަކީވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެވެ. އެޤައުމުން އިއްޔެ އެކަނިވެސް 666 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 32,476 މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 912 މީހަކު މަރުވެފައި ވެއެވެ.

ޔޫކްރޭނުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް 14,528 މީހަކު ރަނގަޅުވެފއިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މިހާރު އެޤައުމުގައި މި ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 317 މީހެއްގެ ހާލު ސީރިއަސް އެވެ.

ޔޫކްރޭނުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެނިފައި ވަނީ މާރިޗު މަހުގެ 17 ވަނަ ދުވަހު އެވެ. މިކަމާއި ގުޅިގެން އެޤައުމު ފުރަބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް މިހާރު ވަނީ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަރ

    ރައީސޫ، އާކޮށްލަންޏާ މިކޮޅަށް އިޝާރަތެއް ކޮއްލައްޗޭ. މަބޭނުމޭ