އަވައްޓެރި ސްރީލަންކާގައި މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ގުޅުންހުރި 400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

ނޫސްތައް ބުނާގޮތުން ފުލުހުންނާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ، ވެރިކަންކުރާ ކޮލަމްބޯ އޮންނަ ހުޅަނގު ޕްރޮވިންސުގެ އެކި ސަރަޙައްދުތަކުގައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނީ، ހުކުރު ދުވަހު ކުރިޔަށްގެންދިޔަ ރެއިޑްތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، މަސްތުވާތަކެއްޗާއި ގުޅުން ހުރި ޖުމްލަ 420 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި އެހެން މައްސަލަތަކުގައި އިތުރު 94 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މިއީ ލަންކާގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޮންގޮއްވާލި ހާދިސާއަށްފަހު ކުރިޔަށްގެންދިޔަ މިފަދަ އެންމެ ވަރުގަދަ އޮޕަރޭޝަނެވެ.

ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުޤީޤުކޮށް، ހައްޔަރުކުރި މީހުންނަށް ދަޢުވާ ކުރުމަށް ތައްޔާރުވަމުންނެވެ.